ޚަބަރު

މިއަހަރު ގްރޭޑް 9އިން މަތީގެ ދަރިވަރުން ކިޔަވަން ފަށާނީ ޑިޖިޓަލް ފޮތްބަޔާއެކު


މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ގްރޭޑް 9 އިން މަތީގެ ދަރިވަރުންނަށް ޑިޖިޓަލް ފޮތްބައިން ކިޔަވައިދޭން ނިންމައިފިއެވެ. 2021 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އަންނަމަހުގެ 10 ވަނަ ދުވަހުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ގްރޭޑް 9 އިން މަތީގެ ދަރިވަރުންނަށް ޑިޖިޓަލް ފޮތްބައި މެދުވެރިކޮށް ކިޔަވައިދޭން ނިންމާފައިވަނީ މިގްރޭޑްތަކުގެ ދަރިވަރުންގެ ފޮތްބަޔަކީ ބަރު ފޮތް ބަޔަކަށްވުމުން އެހިފައިގެން ސްކޫލަށް ދާ ދިއުމަށް ލުޔެއް ހޯދާދިނުމުގެ ގޮތުން ކަމަށެވެ. މިނިސްޓްރީން ވިދާޅުވީ މިގްރޭޑްތަކުގެ ދަރިވަރުން ކިޔަވަން ބޭނުންކުރާނީ ޓެބްލެޓް ފަދަ ވަޞީލަތެއްކަމަށާއި ކިޔަވަން ބޭނުންކުރާ ޕްލެޓްފޯމްގައި ދަރިވަރުން ކިޔަވާ މާއްދާތަކުގެ ކޮންޓެންޓް ހިމެނޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓރްީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ ކެމްބްރިޖް އޯލެވެލް ހަދާ ދަރިވަރުން ޑިޖިޓަލް ޓެކްސްޓް ފޮތްތައް ބޭނުންކުރުމަށް ކޮންމެ ދަރިވަރަކަށްވެސް ކެމްބްރިޖް ލޮގިންއިންދޭނެ ކަމަށެވެ. އަދި އޭލެވެލް ހަދާ ދަރިވަރުންނަށްވެސް ޕިއަރސަންގެ ލޮގިންއެއް ލިބޭނެ ކަމަށް ސްޓޭޓް މިނިސްޓްރ ވިދާޅުވިއެވެ. ފޮތްތައް ޑިޖިޓަލައިޒް ކުރިނަމަވެސް ޗާޕްކޮށްފައި ހުރި ފޮތްތައް ސްކޫލްތަކުގެ ލައިބްރަރީގައި ހުންނާނެ ކަމަށާއި ދަރިވަރުންނަށް އެ ފޮތްތައްވެސް ބޭނުން ކުރެވޭނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ގްރޭޑް 9 އިން މަތީގެ ދަރިވަރުންގެ ޑިޖިޓަލް ފޮތްބައިން ކިޔަވައިދޭން ނިންމާފައިވާއިރު ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒްކޮށްގެން ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ފަށާފައެވެ. އެޑިއުކޭޝަން މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ 50އަކަށް ސްކޫލުގައި ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒްކޮށްގެން ކިޔަވައިދެމުން އަންނަކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ކިޔަވައިދިނުމުގެ އެކި އުކުޅުތައް ބޭނުންކޮށްގެން ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށް ދިނުންކަމަށެވެ.

ސްކޫލްތަކުގައި ކިޔަވައިދިނުން ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާރުވެސް ޓެބްލެޓް މެދުވެރިކޮށް އަންނަނީ ކިޔަވައިދެމުންނެވެ. އެގޮތުން ގްރޭޑް 3 އިން މަތީގެ ދަރިވަރުންނަށް ސަރުކާރުން ޓެބްލެޓް ފޯރުކޮށްދީފައިވާއިރު ޓެބްލެޓް ނެތް ދަރިވަރުންނަށް ޓެބްލެޓް ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން 1500 ޓެބްލެޓް މިހާރުވެސް ލިބިފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރަށް ބައެއް ސްކޫލްތަކުގައިވަނީ ޑިޖިޓަލް ލައިބްރަރީ ތަޢާރަފްކޮށް ދަރިވަރުންނަށް ފޮތްކިޔޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ. އަދި މިހާރު ރިޕޯޓް ފޯމްވެސް ދެނީ ޑިޖިޓަލްކޮށެވެ.