ޚަބަރު

މަގުތަކަށް ނުކުމެ އެއްވުން ކުރިއަށްގެންދަން ފުރުސަތު ނުދެވޭނެ


އިދިކޮޅު އެމްޑީޕީން މިއަދު ހަވީރު ކުރިއަށް ގެންދާނެކަމަށް ބުނާ މުޒާހަރާ ޤާނޫނީ އިމުގެ ތެރެއިން ކުރިޔަށް ގެންދާނަމަ ފުލުހުންގެ ފަރާތުން ދޭންޖެހޭ ރައްކާތެރިކަން ދެއްވާނެކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.އެމްޑީޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ވަނީ މިއަދު ހަވީރު ހަތަރަކުން ފެށިގެން މުޒާހަރާ ކުރިއަށް ދާނެކަން އިޢުލާން ކޮށްފައެވެ.ފުލުހުން ވިދާޅުވީ، ޤާނޫނީ އިމުގެ ތެރެއިން މުޒާހަރާ ކުރިޔަށް ގެންދާނަމަ ފުލުހުންގެ ފަރާތުން ދޭންޖެހޭ ރައްކާތެރިކަން ލިބިގެންދާނެކަމަށާއި، ނަމަވެސް މިރޭގެ 12 ގެ ފަހުން މިފަދަ އެއްވުމެއް ކުރިޔަށް ގެންދަން ފުރުޞަތު ނުދެއްވާނެކަމަށެވެ. އަދި މާލޭގެ މަގުތަކަށް ނުކުމެ ޢާއްމު ދިރިއުޅުމަށް ހުރަސް އެޅޭގޮތަށް މަގުމަތީގެ އަމާންކަން ނަގާލައި މަގުމަތީގައި އެއްވުން ކުރިޔަށް ގެންދާނަމަ އެ އެއްވުމެއް ވަގުތުން ހުއްޓުވާނެކަމަށާއި، މަގުތަކަށް ނުކުމެ އެއްވުން ކުރިޔަށް ގެންދަން ފުރުޞަތު ނުދެއްވާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ފަތުރުވެރިންނާ ޒިޔާރަތްކުރާ މީހުންނަށްވެސް ރައްކާތެރިކަން ކަށަވަރުކޮށްދީ އެ މީސްމީހުންގެ ޙައްޤުތައް ދަމަހައްޓައި ރަށުތެރޭގެ ވެށި އަމާންކޮށް ބާއްވައި، ރައްޔިތުންގެ މެދުގައި ޞުލްޙަވެރިކަން ޤާއިމްކޮށްދިނުމަކީ ޤާނޫނީ ގޮތުން ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވުމާއެކު އެމަސައްކަތް އެގޮތުގައި ދެމެހެއްޓުންމަތީ ފުލުހުން ދެމިތިބޭނެ ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.މީގެ އިތުރުންވެސް މާލޭގެ މަގުތަކަކީ ކާރުބާރު ބޮޑު މަގުތަކަކަށްވެފައި ގިނަ ވަގުތުތަކެއްގައި މަގުތައް ބަންދުކޮށް މަގުތައް ހަލަބޮލިވެގެން ދިއުމަކީ ހިނގާ ބިނގާވެ އުޅޭ މީހުންނާ ދުއްވާ ތަކެތީގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުންނަށް ބޮޑެތި ދަތިތަކެއް ފޯރައި މަގުމަތީގެ ތަރުތީބު ގެއްލިގެންދާނެ ކަމަށާއި، ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރުމުން އަދި މަގުމަތި ހަލަބޮލިވުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެތައް ޙައްޤުތަކެއް އޭގެ ސަބަބުން ގެއްލި ރައްޔިތުންގެ ޢާއްމު މަޞްލަޙަތު ގެއްލިގެންދާކަމަށް ފުލުހުން ދެކިލައްވާކަމަށެވެ.އެހެންކަމުން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް، މަގުތަކުގެ އަމާންކަން ދަމަހައްޓައި ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ފަސްޖެހުމެއް ނެތި ފުލުހުން ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ފުލުހުން ވަނީ ދެއްވާފައެވެ.