ޚަބަރު

މިއަހަރުގެ މިހާތަނަށް ހިތަދޫ ޕޯޓަށް 23،000 ޓަނުގެ މުދާ އެތެރެކޮށްފި


މިއަހަރުގެ މިހާތަނަށް އައްޑޫސީޓީ ހިތަދޫ ޕޯޓަށް 23،000 ޓަނުގެ މުދާ އެތެރެކޮށްފިއެވެ. ހިތަދޫ ޕޯޓު ލިމިޓެޑް (އެޗްޕީއެލް)އިން ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ގެނައި މުދާ ދެގުނަ އިތުރުވެފައިވާކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޕީއެލްގެ މެނޭޖަރ އިބްރާހީމް ރަޝީދު ވިދާޅުވީ ކޯވިޑްގެ ޙާލަތުގައި ވޭތުވެދިޔަ އަހަހަރުގެ ތެރޭގައި މަހެއްގެ މައްޗަށް 150 ކޮންޓެއިނަރ ބަނދަރަށް ގެނެވިފައިވާކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު ނިމުނުއިރު 23،000 ޓަނުގެ މުދާ ގެނެވުނުކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު މުދާ ގެނައުން ދެގުނައަށް އިތުރުވެފައިވާކަމަށާ، މިއަހަރުގެ މިހާތަނަށްވެސް 23،000 ޓަނުގެ މުދާ ގެނެސްފައިވާކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އިންޑިއާގެ ޓުޓިކޮރިން ފެރީން މަހަކަށް ވާވަރަށް މުދާ ގެންނަކަމަށާއި މަހަކު ދެފަހަރަށް މުދާ ހިފައިގެން އެފެރީ އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއާއެކު މާލެއިން މުދާ ގެންނަން ޖެހުން މަދުވެ މުދަލުގެ އަގަށްވެސް ހެޔޮ ބަދަލުތަކެއް އަންނަކަން އިބްރާހީމް ރަޝީދު ފާހަގަކުރެއްވިއެވެ.

"އައްޑޫގެ ވިޔަފާރިވެރިން މެދުނުކެނޑި ޕެރިޝިބަލް ގުޑްސް އިންޑިއާއިން އެބަގެނޭ. އެއާއެކު، ބޮޑު އަގުގައި ތަކެތި ވިއްކުން ހުއްޓި ރައްޔިތުންނަށް އެޔޮ އަގުގައި މުދާ އެބަލިބޭ. ވިޔަފަރީގެ ބޮޑު ޑިމާންޑެއް އޮވެ، ކުރިއެރުންތަކެއްވެސް އެބަލިބޭ." އެޗްޕީއެލްގެ މެނޭޖަރ އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

މިދިޔަ އަހަރު ހިތަދޫ ޕޯޓަށް 137 އުޅަނދެއް ކައިރިކުރިއެވެ. އަދި މިއަހަރުގެ މީހަތަނަށް 88 އުޅަނދެއް ވަނީ ހިތަދޫ ޕޯޓަށް ކައިރިކޮށްފައެވެ. މި އުޅަނދުތަކުން ހަމައެކަނި ގެންނަނީ ކާބޯތަކެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި އައްޑޫގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުންވާ ސާމާނާއި ވެހިކަލްތައްވެސް އެތެރެކުރެއެވެ. މިގޮތުން މިދިޔަ އހަރުގެ ތެރޭގައިވެސް ވަނީ 800 ވެހިކަލްއެއް ކްލިއަރ ކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށްވެސް ވަނީ 400 އުޅަނދެއް ކްލިއަރކޮށްފައެވެ. އެޗްޕީއެލް އިން ވިދާޅުވީ އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެނައި ބަދަލާއެކު ކަނޑައެޅޭ ވަކި މުދަލެއް ފިޔަވައި، ހުރިހާ މުދަލަކުންވެސް ޑިއުޓީގެ %50 މަޢާފު ކުރުމަކީ ބޮޑު ކުރިއެރުމެއްކަމަށެވެ.

އެޗްޕީއެލްއިން އަންނަނީ މިހާރަށްވުރެ އަވަހަށް މުދާ ކްލިއަރކުރުމަށާއި، ފޯރުކޮށްދޭ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން އެ ޕޯޓް އިތުރަށް ތަރައްޤީ ކުރުމާއެކު މިހާރަށްވުރެ ބޮޑަށް ޚިދުމަތްތައް ފުޅާވެގެންދާނެކަމަށް އެޗްޕީއެލްއިން ވިދާޅުވެއެވެ.