ޚަބަރު

ޓެރަރިޒަމްގެ ތުހުމަތުގައި ބަންދުކުރި 3 މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަނީ


މިދިޔަ މެއި މަހުގެ 6ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ޙަމަލާއާ ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި 3 މީހަކު ދޫކޮށްލަން ކްރިމިނަލްކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ނިންމަވައިފިއެވެ.

ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ 3 މީހަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާގުޅިގެން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ، މެއި 6 ގެ ޙަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 03 މީހުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ޤާޟީ ޙަސަން ސަޢީދު ނިންމެވި ނިންމެވުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމަވާފައިވާކަމަށެވެ.

މި 3 މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރެއްވީ މިއަދުއެވެ. ފުލުހުން މިމީހުން ހައްރުކުރީ މެއި 6 ގެ ޙަމަލާއާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައެވެ. މެއި 6 ގެ ޙަމަލާއާ މިމީހުންނާ ގުޅުން އޮތްކަމަށް ފުލުހުން ތުހުމަތުކުރައްވައެވެ. ލިބިފައިވާ ހެކިތަކައެކު، މިހާރުވެސް އެމީހުންގެ ތަޙްޤީޤު ދަނީ ކުރިއަށެވެ.

މި 3 މީހުން ދޫކޮށްލަށް އަމުރު ނެރުއްވި ޤާޟީ ޙަސަން ސަޢީދުގެ ބައެއް މައްސަލަތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިހާރުވެސް އަންނަނީ ބައްލަވަމުންނެވެ. މީގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ އަނިޔާގެ ތުހުމަތުގައި އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް އެޕާސްޕޯޓް ދޫކޮށްލަން، ޤާޟީ ޙަސަން ސަޢީދު އަމުރުކުރެއްވި މައްސަލަވެސް ޖޭއެސްސީން އަންނަނީ ބައްލަވަމުންނެވެ.