އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި އިންޑިއާ އާއި ޕާކިސްތާނާ އެއް ގުރޫޕެއްގައި ރާއްޖެ ހިމެނިއްޖެއެވެ.
ބޫޓާންގައި ހޮނިހިރު ދުވަހު ކުރިއަށްދިޔަ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި ރާއްޖެ ލައްވާލީ ގްރޫޕް ބީގައެވެ.
ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ހޯސްޓުކުރާ ބަންގްލަދޭޝްގެ އިތުރުން ސްރީލަންކާ އަދި ބޫޓާނެވެ.
ހޮނިހިރު ދުވަހު ކުރިއަށްދިޔަ ގުރުނެގުމުގައި ފީފާގެ ސަސްޕެންޝަނުގައި އޮތް ނޭޕާލް ނުހިމެނެއެވެ. އެކަމަކު މުބާރާތް ފެށުމުގެ ކުރިން ނޭޕާލުގެ ސަސްޕެންޝަނަށް ލުއި ލިބިއްޖެނަމަ އެ ޓީމު ފެނުމުގެ ފުރުސަތު އޮތް ކަމަށް ސާފް އިން ވަނީ ބުނެފައެވެ. ނޭޕާލުގެ ސަސްޕެންޝަނަށް ލުއި ލިބިއްޖެނަމަ އެ ޓީމު ފެންނާނީ ގްރޫޕް އޭ އިންނެވެ.
މި މުބާރާތުގައި ރާއްޖެއިން ގްރޫޕް ބީގައި ލައްވާލައިރު، ރާއްޖެއިން އެންމެ ފަހުން އިންޑިއާ އާއި އެއްގްރޫޕެއްގައި ވާދަކުރީ 2018 ވަނަ އަހަރުގެ މުބާރާތުގައެވެ. އަދި ޕާކިސްތާނާ އެއް ގްރޫޕެއްގައި އެންމެ ފަހުން ރާއްޖެއިން ކުޅުނީ 2011 ވަނަ އަހަރުގެ މުބާރާތުގައެވެ.
މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 4-17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.
އެންމެ ފަހުން 2022 ވަނަ އަހަރުން އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުން ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕް ތާރީޚުގައި ރާއްޖެއިން މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.