ޚަބަރު

ކޭއާރުއެޗުގެ ޚިދުމަތުގެ ފެންވަރަށް އަނެއްކާވެސް އިތުރު އިތުބާރެއް!


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ދުވަސް ނުފުރާ ވިއްސި އެއްމާބަނޑު ދެކުއްޖަކު، އާޓިފިޝަލް ސާފެކްޓެންޓުގެ ޚިދުމަތުގެ އެހީގައި ސަލާމަތް ކޮށްފިއެވެ. މިއީ ރާއްޖޭގައި މާލެއިން ބޭރު ސަރަހައްދެއްގައި މިފަދަޚިދުމަތް ދިން ފުރަތަމަފަހަރެވެ.

އާޓިފިޝަލް ސާފެކްޓެންޓުގެ ޚިދުމަތަކީ ދުވަސްނުފުރާ ވިއްސާ ނުވަތަ އޮޕަރޭޝަންކޮށްގެން މައިމީހާގެ ބަނޑުން ނަގާ ކުދިންގެ ނޭވާލުމުގެ ނިޒާމު ފުރިހަމަނުވާ މައްސަލައަށް ހައްލު ހޯދައިދީ ފުއްޕާމޭ ހުޅުވުމަށް އެހީވެދޭ ސިއްޙީ ޚިދުމަތެކެވެ. ކުޅުދުއްދިށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި މި ޚިދުމަތުގެ ފަރުވާ ދިން އެއްމާބަނޑު ދެކުދިންނަކީ އެމަޖަންސީގައި ސިޒޭރިއަނެއް ހަދައިގެން ނަގފައިވާ ދެކުދިންނެވެ. މި އޮޕަރޭޝަން ކޮންފައިވަނީ މޭއި މަހުގެ 27ވަނަ ދުވަހުކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އޭރު އެކުދިންގެ މައިމީހާގެ ބަނޑަށްވީ 29 ހަފްތާއެވެ. ތުއްތު ދެކުދިންގެ ނޭވާލާ ނިޒާމު ފުރިހަމަ ނުވުމާއި ބަރުދަން ވަރަށްބޮޑަށް ލުއިކޮށް ހުރުމުގެ ސަބަބުން ޑޮކްޓަރުންގެ އިރުޝާދާއެކު މިދެކުދިންނަށް އެންއައިސީޔޫގައި ފަރުވާ ދޭން ފެށިއެވެ.

މިކޭސްގައި ހަރަކާތްތެރިވި އެހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ.އަޙްމަދު ހުސެއިން ވިދާޅުވީ ދުވަސްނުފުރާ ނަގަންޖެހުމުގެ ސަބަބުން އެކުދިންގެ ނޭވާލުމުގެ ނިޒާމު ފުރިހަމަވެފައި ނުވުމުގެ އިތުރަށް، ސިއްޙީ އެތަކެއް މައްސަލައެއް އެދެބެންނަށް ކުރިމަތިވިކަމަށެވެ. އެގޮތުން މިކޭސްއަށް ބޭނުންވާ އާޓިފިޝަލް 2 ސާފެކްޓެންޓް މާލެއިން ގެނެވުނުއިރު، މާލެއިން ލިބެންނެތް ބައެއް ބޭސްތައް ބޭރުންވެސް ގެންނަން ޖެހުނުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި 40 ދުވަހުގެ ފަރުވާ ކާމިޔާބުކޮށް އެދެކުދިން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަން ކޭއާރުއެޗްއިން ވަނީ ހާމަކުރައްވާފައެވެ.

ކޭއާރުއެޗްގެ ކުޑަކުދިންގެ ޑިޕާޓްމެންޓު ހިންގުމާ މިވަގުތު ޙަވާލުވެ ހުންނެވި ޑރ.މުޙައްމަދު ފައިސަލް ވިދާޅުވީ އެޑިޕާޓްމެންޓުގެ ފަރާތުން މަދު ޙާލަތެއްގައި މެނުވީ މިހާރު މިފަދަ ފަރުވާތަކަށް މާލެއަށް މީހުން ނުފޮނުވާކަމަށެވެ. މިއީ މާލެއާ އެއް ފެންވަރަކަށް އެހޮސްޕިޓަލުގައިވެސް ޚިދުމަތް ދެވެން ހުރިކަން ހާމަވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ކޭސްތަކުގައި ފަރުވާދޭއިރު އެންމެބޮޑު ދައްޗަކީ މާލެއިންވެސް ލިބޭ ފެންވަރުގެ ފުރިހަމަ ފަރުވާއެއް ކޭއާރުއެޗްއިން ދެވިދާނެކަމަށް، ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު އަދިވެސް ކުޑަވުންކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ. އެހެންނަމަވެސް، ޚާއްސަކޮށް މިދާއިރާއިން މިހާރު ކޭއާރުއެޗްއިން މާލެއާ އެއްފެންވަރެއްގައި ޚިދުމަތް ދެވެން އެބަހުރިކަން ރައްޔިތުންނަށް ޔަޤީންކޮށް އަރުވާކަމަށް އޭނާ ވިދާޅުވިއެވެ.

ވޭތުވެދިޔަ ދެއަހަރު ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ ޚިދުމަތް ދިނުމާއި ޚިދުމަތުގެ ފެންވަރުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މިގޮތުން އެމްއާރްއައިގެ ޚިދުމަތް ފެށުމާއި، ނާރުގެ ތަހުލީލުތައް ކުރަން ފެށުމުގެ އިތުރުން ވަސީލަތްތައް ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.