ޚަބަރު

އައު ފައިސާ އަށް ހޭލުންތެރިކުރުމަށް މުޅި ރާއްޖޭގައި ޓީމްތަކެއް


އަންނަ މަހު ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ އައު ފައިސާ އަށް އާއްމުން ހޭލުންތެރިކުރުމުގެ
ގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އެމްއެމްއޭ
އިން ފަށައިފިއެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި އެމްއެމްއޭ ގެ ޓީމްތައް ހަރަކާތެރިވަމުންދާ ކަމަށް އެމްއެމްއޭ އިން މަޢުލޫމާތުދެއެވެ.



މި ހޭލުންތެރިކުރުމުގެ
ޕްރޮގްރާމްގައި ވީހާވެސް ގިނަ އާންމުންނަށް
"ރަންދިހަފަހެއް" ނޫޓު ސީރީޒްގެ ރައްކާތެރިކަމާއި އިތުރު ފީޗާތަކާ ބެހޭގޮތުން
މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.



އަދި މީހުން
ދިރިއުޅޭ ބޮޑެތި ރަށްރަށުގައި ރޯޑްޝޯވް ތަކެއްވެސް ކުރިއަށް ދާނެކަމަށް
އެމްއެމްއޭއިން މައުލޫމާތުދެއެވެ.



ރާއްޖޭގެ މީހުން
ދިރިއުޅޭ ހުރިހާ ރަށްރަށާއި ރިސޯޓްތަކުގައި ކުރިއަށް ދާ ހޭލުންތެރިކުރުމުގެ މި ޕްރޮގްރާމް
ކުރިއަށް އޮތް ދެ ތިން ހަފްތާވަންދެން މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެމްއެމްއޭ އިން ވަނީ ނިންމަވާފައެވެ.

މި މަހުގެ އެއްވަނަ ދުވަހު ތަޢާރަފްކުރެވުނު ރަންދިހަފަހެއް ނޫޓް ސީރީސް އަކީ ސަލާމަތީގޮތުން ވަރުގަދަ ފިޔަވަޅުތަކަކާއިއެކު ތައްޔާރުކޮށްފައިވާ ނޫޓްތަކެއް ކަމަށް އެމްއެމްއޭއިންވަނީ ވިދާޅުވެފައެވެ.

ރަންދިހަފަހެއް ނޫޓް ސީރީސްގައި
ހިމެނެނީ 10ރ. 20ރ. 50ރ. 100ރ. އަދި 500ރ. 1000 ރުފިޔާއެވެ.