ވެކްސިންގެ 2 ޑޯޒް ހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 14 ދުވަސްވެފައިވާ ފަރާތްތަކަށް ކަރަންޓީންވުމަކާއި ނުލާ ރަށް ރަށަށް ދެވޭނެގޮތަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފިއެވެ.
އެޗްއީއޯސީން ވިދާޅުވީ މިފަހަރު ދޭ ލުއިތަކާއެކު ދެވޭނީ ކޯވިޑްއާއި ގުޅިގެން މޮނީޓަރިންގެ ޙާލަތުގައި ނެތް ރަށްރަށަށްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މޮނީޓަރިންގެ ނެތް ރަށްރަށުގެ އިތުރުން އެރަށެއްގައި ޕޮޒިޓިވިޓީ ނިސްބަތް ހުރި މިންވަރަކަށް ބެލުމަށްފަހު ދަތުރުކުރުމުގައި ލުއިދޭން ނިންމާފައިވާކަމަށެވެ މޮނީޓަރިންގައި ނެތް ރަށްރަށާއި ރަށްރަށުގައި ޕޮޒިޓިވްވާ އިންސައްތަ 5 އިންސައްތައަށްވުރެ ދަށުގައި ހުރި ރަށްރަށަށް ކަރަންޓީނާއި ނުލާ ދެވޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވާ ނިސްބަތް 5 އިންސައްތައާއި 10 އިންސައްތައާއި ދެމެދުގައި ހުރިނަމަ އެރަށަކަށް ދެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު 7 ދުވަހުގެ މުއްދަތަކަށް ކަރަންޓީންވާންޖެހޭގޮތަށެވެ. އަދި ޕޮޒިޓީވްވާ ނިސްބަތް 10 އިންސައްތައަށްވުރެ ބޮޑުނަމަ އެރަށަކަށް ދެވޭނީ 14 ދުވަހުގެ ކަރަންޓީން މުއްދަތަކާއެކު ނެގަޓިވް ޕީސީއާރް ޓެސްޓަކާއެކުއެވެ. އަދި މިފަރާތްތަކުން ފުރުމުގެ ކުރިންވެސް ސާމްޕަލް ނަގަންޖެހޭނެކަމަށް މަބްރޫކް ވިދާޅުވެއެވެ.
މިހާރު އޮންނަ ގޮތުން ސަރުކާރުން ދެއްވާ ހާއްސަ ހުއްދައިގެން ނޫނީ މާލެއިން ރަށްރަށަށް ދިއުމަށް އެއްވެސް ވަރަކަށް ހުއްދައެއް ނުދެއެވެ. ނަމަވެސް ރަށަށް އެއްކޮށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ ހުއްދަ ސަރުކާރުން ދެއްވިއެވެ.
ރަށްރަށް ދަތުރުކުރުމަށް ސަރުކާރުން ބޮޑެތި ލުއިތަކެއް ދެއްވާފައިވާއިރު، ކޯވިޑްގެ ކޭސްތަކުގެ އަދަދު ދަށްވެއްޖެނަމަ ޢީދު ބަންދަށް ލުއިތަކެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.