ވިޔަފާރި

ވެކްސިން ފުރިހަމަކުރުމުން ރިސޯޓް މުވައްޒަފުންނަށް ރަށަށް ދިއުމުގެ ހުއްދަ ދެނީ


ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންވުމަކާއި ނުލައި ރަށްރަށަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެޗްއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރިސޯޓުތަކުގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތަށް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ ރިސޯޓް މުވައްޒަފުންނަށް ލުއި ދިނުމަށް، އެ ރިސޯޓުގައި ރޭންޑަމް ސާމްޕަލް ނަގަން ޖެހޭނެކަމަށެވެ.

" ރިސޯޓުތަކުން ކޮންމެ މަހަކު އެއްފަހަރު އެރަށެއްގެ 10 އިންސައްތަ މުވައްޒަފުންގެ ރޭންޑަމް ސާމްޕަލް އެކްޓިވް ސަވަޔަލެންސްގެ ގޮތުގައި ޓެސްޓު ކުރަން ޖެހޭނެ، އެގޮތުން ކުރާ ރިސޯޓުތަކުގެ މުވައްޒަފުންނަށް ކަރަންޓީން ނުވެ ދަތުރުކުރެވޭނީ،" މަބްރޫކް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިސޯޓް މުވައްޒަފުން ވެކުސިން ފުރިހަމަކޮށް 14 ދުވަސް ވުމުން، ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއަކާއެކު ކަރަންޓީންވާން ނުޖެހި ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށެވެ. އަދި މިގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމެވުމުން އެކަމަށްޓަކައި އުފާކުރައްވާކަމަށްވެސް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމަށްފަހު 14 ދުވަސް ފުރިހަމަވުމުން، ކަރަންޓީން ވުމަކާއިނުލާ ރަށްރަށް ދަތުރުކުރުމުގެ ހުއްދަ ދޭނީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްތަކަށް ދިއުމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ރިސޯޓުތަކުގައި މަސައްކަތްކުރާ 71 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި 97 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.