ކުޅިވަރު

ޕެނަލްޓީގައި ކޮލަމްބިއާގެ މައްޗަށް ކުރި ހޯދާ ކޮޕަގެ ފައިނަލަށް އާޖެންޓީނާ


ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށް އާޖެންޓީނާއިން ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ފުރުސަތު ޖާގަ ހޯދައިފިއެވެ.

ޕެނަލްޓީގައި އާޖެންޓީނާ ކުރި ހޯދީ 3 ލަނޑު 2 ލަނޑުންނެވެ. މެޗްގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރު، ދެ ޓީމް ވެސް ވަނީ 1 ލަނޑު ޖަހާފައެވެ. ބްރެޒިލްގެ އެސްޓަޑިއޯ ނަސިއޮނާލްގައި ކުޅުނު މިމެޗްގައި އާޖެންޓީނާގެ ފަރާތުން ގިނަ ހަމަލާތެއް ކޮލަމްބިއާގެ ގޯލަށް ފޮނުވާލާފައިވާއިރު، އެޓީމްގެ ލައުޓާރޯ މާޓީނޭޒް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި ސީދާނުވެ، ބެރަށެވެ. މެޗްގެ ވަރަށް ކުރީކޮޅުގައި އާޖެންޓީނާއިން ވަނީ ލީޑް ނަގާފައެވެ. މެޗްގެ 7ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލައުޓާރޯ މާޓީނޭޒްއެވެ. އާޖެންޓީނާ އިން މެޗްގެ ވަރަށް ކުރީކޮޅުގައި ލީޑް ނެގުމާއެކު ކޮލަމްބިއާ އިން ގޯލެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ކޮލަމްބިއާގެ ގިނަ ހަމަލާތައް ވަނީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް ދިފާއުކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފްގައި އާޖެންޓީނާގެ ކެޕްޓަން ލައަނޮލް މެސީއަށްވެސް ގޯލް ޖެހުމަށް ދެތިން ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭގެއިން އެއްވެސް ހަމަލާއެއް ގޯލަށް ވައްދާލެވޭ ގޮތެއް ނުވިއެވެ.
މެޗްގެ ދެވަނަ ހާފްގައި ވެސް ކޮލަމްބިއާއިން ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗްގެ 60ވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއްޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު ކޮލަންބިއާ އަށް ކާމިޔާބުކޮށްދިނީ ލުއިސް ޑިއާސްއެވެ. މެޗް ނިމެން 10 މިނެޓަކަށް ވެފައިވަނިކޮށް އާޖެންޓީނާގެ ކެޕްޓަން މެސީއަށް ގޯލެއް ޖެހުމަށް ވަރަށް ރަގަނޅު ފުރުސަތެއް ލިބުނެއެވެ. ނަމަވެސް މެސީ ފޮނުވާލި ބޯޅަ އަމާޒްވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

ކޮޕަ އެމެރިކާގެ މި ފަހަރުގެ މުބާރާތުގެ ގަވާއިދު ބުނާގޮތުން މެޗްގެ ފުރިހަމަ ވަގުތު ހަމަވާއިރު، ނަތީޖާ ނެރެންޖެހޭ މެޗްގައި އިތުރު ވަގުތު ނުކުޅެ، ޖަހާނީ ޕެނަލްޓީއެވެ. ޕެނަލްޓީގައި އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ ތިން ޕެނަލްޓީ ދިފާއުކޮށްފައެވެ. ކޮލަމްބިއާއިން ޖެހި 5 ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ހުއާން ކުއަޑްރާޑޯ އާއި މިކެއިން ބޮރޫޖާ ފޮނުވާލި ޕެނަލްޓީއެވެ. އާޖެންޓީނާއިން ޖެހި 4 ޕެނަލްޓީގެ ތެރެއިން ކާމިޔާބުކު ނުކުރެވުނީ ރޮޑްރީގޯޖެހި ޕެނަލްޓީއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ. އާޖެންޓީނާއިން ޖެހި ޕެނަލްޓީތައް އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މެސީ، ޕަރޭޑޭސް އަދި މާޓިނޭޒްއެވެ.

މިމުބާތާރުގެ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފައިވާއިރު، އެންމެ ފަހުން މިމުބާރާތުގެ ޗެންޕިއަންކަން އާޖެންޓީނާ ހޯދާފައި ވަނީ 1993ވަނަ އަހަރުއެވެ. އެންމެ ފަހުން އާޖެންޓީނާއާއި ބްރެޒިލް މިމުބާރާތުގެ ފައިނަލްގައި ބައްދަލުކޮށްފައި ވަނީ 2007ވަނަ އަހަރުއެވެ. މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އާދިއްތަ ދުވަހު ފަތިހު ފަހެއް ޖަހާއިރުއެވެ.