ދުނިޔެ

އައި.އެސްއާ ދެކޮޅަށް ހަނގުރާމަކުރަން ސޫރިޔާ ސަރުކާރުން ތައްޔާރު


ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އައި.އެސް ޖަމާޢަތާ
ދެކޮޅަށް ކުރާ ހަނގުރާމައިގައި ސޫރިޔާގެ ސަރުކާރުގެ އެހީ ހޯދުމަށް ބޭނުންވާ ކަމަށް
ފަރަންސޭސިވިލާތުން ބުނެފައިވާތީ ސޫރިޔާއިން މިކަމަށް މަރުޙަބާ ކިޔައިފިއެވެ.



ރަޝިޔާއަށް ވަޑައިގެން އެގައުމުގެ ޚާރިޖީ ވަޒީރާ
ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސޫރިޔާގެ ޚާރިޖީ
ވަޒީރު ވަލީދު މުޢައްލަމް ވިދާޅުވީ، އައި.އެސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި
ސޫރިޔާ ސަރުކާރުގެ އެހީ ހޯދުމަށް ފަރަންސޭސިވިލާތުން ނިންމާފައިވާތީ އެކަމަށް
މަރުޙަބާ ކިޔާކަމަށެވެ. އެހެން ނަމަވެސް މިކަން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނީ، ސޫރިޔާގެ ދާޚިލީ ހަނގުރާމައާ މެދު ފަރަންސޭސިވިލާތާ
ހުޅަނގުގެ އެހެން ގައުމުތަކުން ގެންގުޅޭ ވިސްނުން ބަދަލުކޮށްގެން ކަމަށް ވެސް
ސޫރިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.



ފަރަންސޭސިވިލާތުން ބުނެފައި ވަނީ، އައި.އެސްއާ
ދެކޮޅަށް ކުރާ ހަނގުރާމައިގައި ސޫރިޔާގެ އަސްކަރިއްޔާގެ ބައިވެރިވުމަށް މަރުޙަބާ
ކިޔާ ކަމަށާ އެހެން ނަމަވެސް މިކަން ވާނީ ސޫރިޔާގެ ހަނގުރާމައަށް ސިޔާސީ ހައްލެއް
ހޯދިގެން ކަމަށެވެ.