ވިޔަފާރި

40 ދަނޑުވެރިއަކަށް ސްޓާޓަރ ޕެކް ހަވާލުކޮށްފި


މިހާތަނަށް 40 ދަނޑުވެރިއަކަށް ސްޓާޓަރ ޕެކް ހަވާލުކުރެވިފައިވާކަމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން މި ޕެކޭޖް ތައާރަފްކޮށްފައިވަނީ ކޮންޓްރެކްޓް ފާމިން މަޝްރޫއުއާއެކުއެވެ.

އެގްރޯނެޓްއިން ދަނޑުވެރިންނަށް ދޫކުރާ ސްޓާރޓާ ޕެކް ނެގޭނީ އެކުންފުނިން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި ބައިވެރިވެފައިވާ ދަނޑުވެރިންނަށެވެ. ކޮންޓްރެކްޓް ފާމިންގ މަޝްރޫއު ރާއްޖޭގެ 44 ރަށެއްގައި ކުރިއަށްގެންދާއިރު މި ރަށްރަށުން ދަނޑުވެރިކަން ފަށަން ތަކެތި ބޭނުންވާ ދަނޑުވެރިންނަށް ސްޓާޓަރ ޕެކަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ ސްޓާރޓަރ ޕެކް ހޯދުމަށް ގިނަ އަދަދެއްގެ ދަނޑުވެރިން އެދިފައިވާ ކަމަށެވެ.

"މިހާތަނަށް 120 ފަރާތަކުން އެބަ އިން އެދިފައި ސްޓާރޓަ ޕެކް ހޯދުމަށް، އޭގެ ތެރެއިން 40 ފަރާތަކާއި މިހާރު ހަވާލުކުރެވިއްޖެ، މީގެ ތެރޭގައި ހިމެނެނީ، ގއ. ނިލަންދޫ، ލ އަތޮޅުގެ 4 ރަށަކާއި، ރ.އަތޮޅުގެ ރަށެއް،" ހާރޫން ވިދާޅުވިއެވެ.

ހާރޫން ވިދާޅުވީ އެކުންފުންޏާއެކު ކޮންޓްރެކްޓް ފާމިން އެއްބަސްވުން ޤާއިމްކޮށްފައިވާ ފަރާތްތަކަށް ސްޓާރޓާ ޕެކަށް އެދުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވާލެވިފައި ކަމަށެވެ.

އެގްރޯނެޓްގެ "ސްޓާރޓާ ޕެކްގެ ދަށުން ދަނޑުވެރިކަން ފަށައިގަންނަން ބޭނުންވާ ހުރިހާ އާލާތްތަކެއް ދޫކުރެއެވެ. އޭގެތެރޭގައި މުޑުވަށް އިންދަން ބޭނުންވާ ފާޓިލައިޒަރ، ގަސްތަކަށް ފެންދޭނެ ހޮޅި، ގަހަށް ޖަހަންޖެހޭ ބޭހާއި ކެމިކަލްއާއި، އުދެލި ފަކީރާ ފަދަ ތަކެތި މި ޕެކޭޖްގެ ދަށުން ފޯރުކޮށްދޭނެއެވެ. ބައެއް ދަނޑުވެރިންނަކީ މިހާރުވެސް ދަނޑުވެރިކަން ކުރަމުން އަންނަ ދަނޑުވެރިންނަށްވުމުގެ ސަބަބުން އެ ދަނޑުވެރިން ސްޓާޓަރ ޕެކް ބޭނުންނުވާކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.

މި ޕެކޭޖްގެ ދަށުން ތަކެތި ދޫކުރަނީ އިންސްޓޯލްމަންޓް އުސޫލުންނެވެ. އެގްރޯނެޓުން ވިދާޅުވީ، މި ޕެކޭޖަށް ފައިސާ ދެއްކުމަށް ދަނޑުވެރިންނަށް ފަސޭހަ ގޮތްތަކެއް ފަހިކޮށްދީފައިވާކަމަށެވެ. އެގޮތުން ދަނޑުވެރިން ތަކެތި ހެއްދުމަށްފަހުގައި ތަކެތި ވިއްކާފައި ލިބޭ ފައިސާއިން އިންސްޓޯލްމަންޓަށް ލޯނު ދެއްކޭނެއެވެ. އަދި ދަނޑުވެރިޔާއަށް ފަސޭހަކަމާއެކު އިންސްޓޯލްމަންޓަށް ދެއްކޭ އަދަދެއް އިންސްޓޯލްމަންޓަށް ބަހާލައިގެންވެސް ޕެކޭޖަށް ފައިސާ ދެއްކޭނެއެވެ. އެގްރޯނެޓުން ވިދާޅުވީ، އާލާތްތައް ދޫކުރާނީވެސް މާކެޓުގައި އެތަކެތި ގަންނަން ލިބޭ އަގުގެ %20 ދަށްކޮށް ކަމަށެވެ.