ޚަބަރު

ރ.ވާދޫގައި ބިނާކުރާ މިސްކިތުގެ ނުނިމި ހުރި މަސައްކަތްތައް ބަޔަކާއި ހަވާލުކޮށްފި


ރ.ވާދޫގައި ސަރުކާރުން ޢިމާރާތްކުރަމުން މިސްކިތުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް ބަޔަކާއި ޙަވާލުކޮށްފިއެވެ.

މިމަޝްރޫޢޫގެ މަސައްކަތް ރަސްމީކޮށް އެންމެ ފުރަތަމަ ފެށީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް މިމަސައްކަތް ނިންމަން ހަމަޖެހިފައިވާ ތާރީޚަށް އޭރުގެ ކޮންޓްރެކްޓަރ ނިންމިފައެއް ނުވެއެވެ. އެހެންކަމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ އެމަޝްރޫޢުގެ އެއްބަސްވުން ބާތިލުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިސްކިތުގެ ނުނިމި ހުރި މަސައްކަތްތައް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާކަމަށެވެ. އެކުންފުންޏާއެކު ޤާއިމްކުރި އެއްބަސްވުމުގެ ދަށުން މިސްކިތުގެ މަސައްކަތްތަކުގެ ތެރެއިން ނުނިމިހުރި މަސައްކަތްތައް 6 މަސްވުދަހުގެ ތެރޭގައި ނިންމާނެއެވެ. އެކުންފުންޏާ މިމަސައްކަތް ޙަވާލުކޮށްފައިވަނީ 4.3 މިލިއަން ރުފިޔާއަށެވެ.

މިމަޝްރޫޢުގެ މަސައްކަތް 2019 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން ފުރަތަމަ ޙަވާލުކޮށްފައިވަނީ އެސްކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއި މަސައްކަތް ހަވާލުކުރީ 4.46 މިލިއަން ރުފިޔާއަށް 5 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ސަރުކާރުން މިހާރު ވަނީ 9 މިސްކިތެއް ބިނާކުރަން އެކި ފަރާތްތަކާއި ޙަވާލުކޮށްފައެވެ. މީގެތެރެއިން ބައެއް މިސްކިތްތައް މިހާރު މަސައްކަތް ނިންމާ ބޭނުންކުރަން ފަށާފައިވާއިރު ކޯވިޑްގެ ސަބަބުން ބައެއް މިސްކިތްތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން ވަނީ އެއްބަސްވުން ބާތިލްކޮށް އަލުން އެހެން ކުންފުނިތަކާ ޙަވާލުކޮށްފައެވެ.