ޚަބަރު

ޖަރުމަނުވިލާތުގައި ވެކްސިން ޖެހުމަށް ހާޒިރުވާ މީހުންގެ ޢަދަދު ދަށަށް


ޖަރުމަނުވިލާތުގައި ކޯވިޑް-19ގެ ވެކްސިން ޖަހަން ހާޒިރުވާ މީހުންގެ ޢަދަދު މަދުވުމުން އެ ޤައުމުން ކަންބޮޑުވުން ފައުޅުކޮށްފިއެވެ.

ބަރލިން ރެޑް ކުރޮސްގެ އިސްވެރިޔާ މާރިޔޯ ޒާޖާ ވިދާޅުވީ އެ ޤައުމުގައި ވެކްސިން ޖެހުމަށް އެޕޮއިންޓުމަންޓު ހައްދާފައިވާ މީހުންގެ ތެރެއިން 5 އިންސައްތައާއި 10 އިންސައްތައާ ދެމެދުގެ މީހުން ވެކްސިން ޖެހުމަށް މަރުކަޒުތަކަށް ހާޒިރުނުވާކަމަށެވެ. އޭގެ ތެރޭގައި ގިނައީ ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމަށް އެޕޮއިންޓުމަންޓު ހައްދާފައިވާ މީހުންކަމަށް އޭނާ ވިދާޅުވިއެވެ. މި އަހަރުގެ ކުރީކޮޅުގައި ވެކްސިން ޖެހުމަށް ހާޒިރުނުވާ މީހުންގެ ނިޞްބަތް ހުރީ 0.5 އިންސައްތައިގައެވެ.

ދުވާލަކު 15،000 މީހުންނަށް ވެކްސިން ދިނުމަށް ކޮންމެ މަރުކަޒަކުންވެސް މަސައްކަތްކުރާކަމަށާއި އެޕޮއިންޓުމަންޓު ހެއްދުމަށްފަހު ވެކްސިން ޖަހަން ޢާންމުން ނާންނާތީ ޢާންމުންނަށް ވެކްސިން ދިނުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާކަމަށް ޒާޖާ ފާހަގަކުރެއްވިއެވެ. އެޕޮއިންޓުމަންޓު ހަދާފައިވާ ތާރީޚުގެ ކުރިން އެހެން ތަނަކުން ވެކްސިން ޖަހާނަމަ އެކަން މަރުކަޒަށް އަންގައި އެޕޮއިންޓުމަންޓު ބާޠިލުކުރުމަށް އޭނާ އެދިވަޑައިގަތެވެ. ވެކްސިން ޖެހުމަށް އެޕޮއިންޓުމަންޓު ހެއްދުމަށްފަހު ޢާންމުން ހާޒިރުނުވުމުގެ ސަބަބުން މިހާތަނަށް އެއްވެސް ވެކްސިނެއް ބޭކާރުވެފައެއް ނުވެއެވެ. ޒާޖާ ވިދާޅުވީ ވެކްސިން ޖެހުމަށް އޭގެ ފިނިކެނޑުވުމަށްފަހު 3 ނުވަތަ 4 ދުވަސްވަންދެން ފުރިޖުގައި ރައްކާކުރެވޭކަމަށެވެ.

އިންޑިޔާއިން އެންމެ ފުރަތަމަ ފެނުނު ކޯވިޑް-19ގެ އައު ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއަންޓުވަނީ ޖަރުމަނުވިލާތުގައި ހަލުވިކޮށް ފެތުރިފައެވެ. ޖުލައި މަހުގެ ނިޔަލަށް އެ ޤައުމުގައި އެންމެ ބޮޑަށް ފެތުރޭނީ ވާރުތަވުމުގެ ބާރުގަދަ ޑޭލްޓާ ވޭރިއަންޓުކަމަށް ބެލެވެއެވެ. ވެކްސިންގެ އެއް ޑޯޒު ޖެހުމުން ބައްޔާ ދެކޮޅަށް ރައްކާތެރިކަން ލިބޭނެކަމަށް ބައެއް މީހުން ޤަބޫލުކުރާކަމަށްވަނީ ފާހަގަވެފައެވެ. އޭގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. ޖަރުމަނުވިލާތުގައި މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ އާބާދީގެ 56.5 އިންސައްތައެވެ. ދެވަނަ ޑޯޒު ފުރިހަމަކޮށްފައިވަނީ 39 އިންސައްތައެވެ. ޢާންމުންގެ 80 އިންސައްތައަށް ވެކްސިން ދިނުމަށް އެ ޤައުމުންވަނީ އަމާޒުކޮށްފައެވެ.

ވެކްސިން ޖެހުމަށް އެޕޮއިންޓުމަންޓުތަކަށް ހާޒިރުނުވާ މީހުން ޖޫރިމަނާކުރުމަށް ބައެއް ފަރާތްތަކުންވަނީ ހުށަހަޅައިފައެވެ. ނަމަވެސް މި ވަޤުތަކީ ވެކްސިން ނުޖެހުމުން އަދަބު ދޭންވީ ވަޤުތު ނޫންކަމަށާއި ވެކްސިން ޖެހުމަށް ޢާންމުންނަށް ހިތްވަރު ދޭންވީ ވަޤުތުކަމަށް ތަޖުރިބާކާރުން ބުނެއެވެ.