ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އިޓަލީވިލާތާއި ސްޕެއިން މިރޭ ކުރިމަތިލާއިރު މިއީ ޔޫރަޕްގައި އެންމެ ފާހަގަ ކޮށްލެވޭ އަދި އެންމެ ދުވަސްވީ ދެ ވާދަވެރިންގެ ތެރޭގައި ހިމެނޭ ދެޓީމެވެ. އެންމެފަހުން ކުޅުނު ހަތަރު ޔޫރޯގައި ވެސް މިދެޓީމް ބައްދަލުކޮށްފައިވާއިރު އެންމެ ފަހުން ބޭއްވި ޔޫރޯ 2016 ގައި ކުރިހޯދީ އިޓަލީވިލާތެވެ. ނަމަވެސް އިޓަލީވިލާތުގެ ހަނދާނުން 2012 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ސްޕެއިން އަތުން ބަލިވި ބަލިވުމުގެ ހަނދާންތައް އަދިވެސް ހުންނާނެއެވެ.
އިޓަލީވިލާތުގެ ކޯޗު ރޮބާޓޯ މަންޗީނީ ހާމަކުރިގޮތުގައި ސްޕެއިންގެ މެޗް ވެގެންދާނީ ވަރަށް އުނދަގޫ މެޗަކަށެވެ. މަންޗީނީ ހާމަކުރިގޮތުގައި ސްޕެއިން ޓީމް އެއްފެންވަރެއްގައި މޮޅު ކުޅުމެއް ދައްކަމުންދާތާ މިހާރު އަހަރުތަކެއް ވެއްޖެކަމަށާއި އެފަދަ ޓީމަކާއި ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެކަމަށެވެ. އަދި މިފަހަރުގެ ޓީމްގައި ޒުވާން ހުނަރުވެރިން ގިނަ އަދަދަކަށް ހިމެނިފައިވުމަކީ މިކަމުގެ ނުރައްކާ އިތުރުވެގެންދާނެކަމެއް ކަމުގައި އިޓަލީވިލާތުގެ ކޯޗް ހާމަކުރިއެވެ. ސްޕެއިން އަކީ އެޓީމްގެ އަމިއްލަ ސްޓައިލެއްގެ ފުޓްބޯޅައެއް ގެންގުޅޭ ޓީމެއް ކަމަށާއި އެ ސްޓައިލަކީ ސްޕެއިންއަށް ވަރަށް ކާމިޔާބު ސްޓައިލަކަށް ވެސް ވަނީ ވެފައިކަމުގައި މަންޗީނީ ހާމަކުރިއެވެ. އަދި އިޓަލީގެ ސްޓައިލް އެޔާ ތަފާތު ކަމަށާއި އިޓަލީއިން ބަލާނީ އެޓީމްގެ ކުޅުން ކުޅެވޭތޯ ކަމަށް މަންޗީނީ ހާމަކުރިއެވެ.
މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީމަކީ އިޓަލީވިލާތެވެ. ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. މިފަހަރުގެ މުބާރާތުގެ ސެމީފައިނަލުން އިޓަލީވިލާތް ޖާގަހޯދާފައި މި ވަނީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްގެންނެވެ. އަދި ކުޅުނު ހުރިހާ މެޗެއްގައިވެސް ވަނީ މޮޅު ކުޅުމެއްވެސް ދައްކާފައެވެ. ޔޫރޯގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރިކޯޑު ވެސް ވަނީ އެންމެފަހުން ބެލްޖިއަމާއެކު ކުޅެ މޮޅުވި މެޗާއެކު ހަދާފައެވެ. މިފަހަރުގެ ސެމީފައިނަލަށް އިޓާލީވިލާތް ދަތުރުކުރީ ގްރޫޕް މަރްހަލާގައި ތުރުކީވިލާތާއި ސްވިޓްޒަލެންޑް އަދި ވޭލްސް ބަލިކުރުމަށްފަހު ދެވަނަ ބުރުގައި އޮސްޓްރިއާ އާއި ކުޅުނު މެޗް އިތުރު ވަގުތު ކުޅެ ކާމިޔާބުކޮށް އަދި ފަހު ސޯޅަ ޓީމުގެ ބުރުގައި ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ބެލްޖިއަމް އާއި ބައްދަލުކުރިމެޗް 2 ލަނޑު އެއްލަނޑުން ކާމިޔާބުކޮށްގެންނެވެ. ގިނަ ބަޔަކު ބުނާ ގޮތުން އިޓަލީވިލާތުގެ ޓީމްގެ ފަހަތުގައި ދުވަސްވީ ދެ ޑިފެންޑަރުން ތިބުމުން ވަރުގަދަ ފޯވަޑް ލައިނަކާއި ޖެހުމުން އޭގެ އަސަރު ފެންނާނެއެވެ. ނަމަވެސް ބެލްޖިއަމާއެކު ކުޅުނު މެޗްގައި އިޓަލީގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އާއި ލިއޮނާޑޯ ބޮނޫޗީ ވަނީ މޮޅު ކުޅުމެއް ދައްކާ ބެލްޖިއަމްގެ ފޯވަޑް ލައިން ހިފެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ޚާއްސަކޮށް އެމެޗްގައި ރޮމެލޫ ލުކާކޫ އަށް މާބޮޑު ކަމެއް ކުރެވޭގޮތެއް ނުވިއެވެ.
މިރޭގެ މެޗަށް ނިކުންނަ ސްޕެއިން ޓީމަށް ބަލާލާއިރު މިފަހަރުގެ މުބާރާތަކީ އެންމެ ބޭނުންވާގޮތަށް ދާ މުބާރާތަކަށް ނުވި ނަމަވެސް މިއީ ސްޕެއިންއަށް މިހާތަނަށް ކާމިޔާބުކޮށް ދާ މުބާރާތެއްގެ ގޮތުގައި ސިފަކުރުމަކީ ގޯހަކަށް ނުވާނެއެވެ. މިފަހަރުގެ މުބާރާތަށް ސްޕެއިންގެ ކޯޗް އެކުލަވާލާފައިވާ ޓީމްގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނާފައެވެ. އަދި އެކުޅުންތެރިން މިފަހަރުގެ މުބާރާތުގައި އަންނަނީ މެޗަކަށްފަހު މެޗެއް ކުޅުންވެސް ރަނގަޅު ކޮށް މޮޅު ކުޅުމެއް ދައްކަމުންނެވެ. މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ޓީމްތަކުގެ ތެރޭގައި ހިމެނުމާއެކުވެސް ސްޕެއިނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައައެއްގެގޮތުގައި ބެލިފައި ވަނީ ލަނޑު ނުޖެހުމުގެ މައްސަލައެވެ. ގްރޫޕް މަރްހަލާގައި ސްވިޑްން އާއެކު ކުޅުނު މެޗްގައި ލަނޑެއް ނުޖެހި އެއްވަރުވީ އިރު ޕޯލަންޑް މެޗްވެސް ވީ އެއްވަރެވެ. ނަމަވެސް ސްލޮވާކިއާ އާއި ބައްދަލުކުރިމެޗްގައި 5 ލަނޑު ޖަހާފައިވާއިރު ދެވަނަ ބުރުގައި ކްރޮއޭޝިއާ އާއި ބައްދަލުކުރިމެޗްގައި ވެސް ފަސްލަނޑު އިތުރު ވަގުތާއެކު ޖަހާފައިވެއެވެ. އަދި ފަހު 16 ޓީމްގެ ބުރުގައި ސްވިޓްޒަލަންޑް އަތުން މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. މިފަހަރުގެ މުބާރާތުގައި ސްޕެއިންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަ ވެފައިވާ އެއްކަމަކީ މެޗްތަކުގައި ލީޑު ނެގުމަށްފަހު އެލީޑު ހިފެހެއްޓުމުގައި މައްސަލަ ދިމާވާ ކަންތަކެވެ. މިގޮތުން ކުޅުނު ފަސް މެޗްގެ ތެރެއިން ތިން މެޗްގައި މިކަންވަނީ ދިމާވެފައެވެ. ނަމަވެސް ސްޕެއިން ޓީމަކީ އަބަދުވެސް ވަރުގަދަ ޓީމްތަކާއި ޖެހުމުން އެޓީމްގެ އަސްލު ކުޅުން ގިނަ ފަހަރަށް ފެނިގެންދާ ފާހަގަކޮށްލެވޭ ޓީމެކެވެ. އަދި މިހުރިހާ މައްސަލަތަކާއެކުވެސް މިފަހަރުގެ ސްޕެއިން ޓީމަކީ ވަރަށް ހުނަރުވެރި އަދި މޮޅެތި ކުޅުންތެރިންގިނަ ފާހަގަ ކޮށްލެވޭ ވަރުގަދަ ޓީމެކެވެ.
އިޓަލީ ޓީމްގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާކުރަމުންދާ ބޮނޫޗީ ބުނީ ގިނަ ބަޔަކު ސްޕެއިން ޓީމަށް ފާޑު ކީ ނަމަވެސް މިފަހަރުގެ ސްޕެއިން ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އެޓީމަކީ އެއްކުޅުންތެރިއެއް އަނެއް ކުޅުންތެރިޔަކަށް އިތުބާރުކުރާ ޓީމް ރޫހް ވަރުގަދަ ޓީމެއް ކަމަށާއި އެފަދަ ޓީމަކާ ދެކޮޅަށް ނިކުންނައިރު އެފަދަ މެޗަކީ ވަރަށް އުނދަގޫ މެޗަކަށް ވެގެންދާނެކަމަށެވެ. ނަމަވެސް ވޭތުވެދިޔަ 30 މެޗްގައި އިޓަލީވިލާތުން ދެއްކި ކުޅުން މިމެޗްގައި ދެއްކިއްޖެނަމަ އިޓަލީއިން ބޭނުންވާ ނަތީޖާ މިމެޗްގައިވެސް ނެރެވިދާނެކަމަށް ބޮނޫޗީ ހާމަކުރިއެވެ.
ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭ ހާމަކުރިގޮތުގައި މިމެޗްގައި އެއްވެސް ޓީމަކަށް މެޗް ޑޮމިނޭޓް ކޮށްގެން ކުޅޭވޭނެކަމަށް ގަބޫލް ނުކުރެވޭކަމަށެވެ. އެހެންކަމުން މިމެޗް ވެގެންދާނީ ކުޅިބެލުންތެރިންނަށް ވަރަށް ބަލާހިތްވާ މެޗަކަށް ކަމަށް އޭނާ ސިފަކުރިއެވެ. މޮޅެތި ކުޅުންތެރިން ތިބުމުގެ އިތުރުން އިޓާލީ ޓީމަކީ ޓީމެއްގެ ގޮތުގައި މަސައްކުރާ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށެވެ. އިޓަލީއިން ހަމަލާ ދޭއިރުވެސް ޑިފެންޑް ކުރާއިރުވެސް މަސައްކަތް ކުރަނީ އެއް ޔުނިޓެއްގެ ގޮތުގައި ގުޅިގެން ކަމަށާއި މިއީ ސްޕެއިން ޓީމާވެސް ވަރަށް އެއްވައްތަރު ގޮތްތަކެއް ކަމަށެެވެ. އަދި ކުރީގެ އިޓަލީޓީމްތަކާއި ހިލާފަށް މިޓީމަކީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅޭ ޓީމެއްގެގޮތުގައިވެސް އެންރީކޭ ސިފަކުރިއެވެ. އެހެންކަމުން މިމެޗްގައި ދެޓީމަށްވެސް ފުރުސަތު ލިބިގެންދާނެކަމަށް އޭނާ ހާމަކުރިއެވެ.
ސްޕެއިން ޓީމްގެ މެދުތެރެއިން މުހިންމު ދައުރެއް އަދާކުރަމުންދާ ޒުވާން މިޑްފީލްޑަރ ޕެޑްރީ ހާމަކުރިގޮތުގައި ދެޓީމްގައިވެސް ވަރުގަދަ މިޑްފީލްޑެއް އެބައޮތްކަމަށެވެ. އަދި މިމެޗްގައި މެދުތެރެއިން ވަރުގަަދަ ކުރިމަތިލުންތަކެއް ފެނިގެންދިއުން ވަރަށް ގާތްކަމަށްވެސް އޭނާ ހާމަކުރިއެވެ. އަދި މިކުރިމަތިލުންތަކުން ބޮޑަށް ކުރި ހޯދޭ ޓީމަކަށް މިމެޗްގައި ހެދޭ ގޯސްތަށް މަދުވެފައި ކާމިޔާބުވުން ގާތްވާނެކަމަށް ޕެޑްރީ ހާމަކުރިއެވެ.
މިމެޗުން މޮޅުވާޓީމެއް ފައިނަލަށް ދަތުރު ކުރާނެއިރު ބަލިވާޓީމެއް ދެން ކުޅެން ޖެހޭނީ ތިންވަނަ ޓީމެއް ހޮވުމަށް ކުޅޭ މެޗްގައެވެ. ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.