ޚަބަރު

ގަސްގަހާގެހި ބަލިކަށިކުރާ ޖަރާސީމެއް، މަރުވަމުންދާ ޗަސްބިންތަކުން ފެނިއްޖެ - އީޕީއޭ


ރާއްޖޭގެ ބައެއް ރަށްރަށުގެ ކުޅި، ފަލާއި ޗަސްބިންތައް މަރުވަމުންދިޔުމާ ގުޅިގެން މިހާތަނަށް ކުރެވުނު ދިރާސާތަކުން މިތަންތަނުގައި ގަސްގަހާގެހި ބަލިކަށިކުރާފަދަ ޖަރާސީމެއް ފެނިފައިވާކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ހާމަކުރައްވައިފިއެވެ.

މިމައްސަލައާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި އެ އޭޖެންސީން ވިދާޅުވީ މިއީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވަމުންދާ ޙާލަތެއް ނޫންކަމަށާ، މުޅި ދުނިޔޭގައި ހުރި މިފަދަ ތަންތަނަށް އަސަރުކުރަމުންދާކަމުގެ ރިޕޯޓުތައްވެސް ލިބެމުންދާކަމަށެވެ.

މިދިޔަ އަހަރުގެ މާޗްމަހުން ފެށިގެން ރައްޖޭގެ އުތުރުގައިހުރި ބައެއް ބޮޑެތި ކަނޑޫފާތަކުގައި ހުރި ގަސްތަކުގެ ތެރެއިން ގިނަ ޢަދަދެއްގެ ގަސްތައްވަނީ ގޮތްނޭނގޭ ސަބަބެއް މެދުވެރިވެ މަރުވާންފަށާފައެވެ. ރާއްޖޭގައި ކުރި ދިރާސާތަކުން ގަސްތައް މަރުވަމުންދާ ސަބަބު ދެނެގަނެވިފައިނުވާތީ މަރުވަމުންދާ ގަސްތައްހުރި ޗަސްބިންތަކުން އިންޑިއާގެ ކޮޗިން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލިޖީއަށް ފޮނުވި ސާމްޕަލްތަކުން ވަނީ، މީގެކުރިން ދުނިޔޭގެ އެކިކަންކޮޅުތަކުން ފެނިފައިވާ ޖަރާސީމެއް ފެނިފައިކަމަށް، އީޕީއޭއިން ވިދާޅުވެއެވެ.

އީޕީއޭއިންވަނީ އުތުރުގެ ރަށްރަކުގެ ތެރެއިން އެންމެ ބޮޑަށް މިމައްސަލަ ކުރިމަތިވެފައިވާ ހއ.ކެލައާއި ހދ.ނޭކުރެންދޫ ހިމެނޭހެން ގަސްތައް މަރުވަމުންދާ ކަނޑޫފަލާއި، ޗަސްބިންތަކުގެ ތެރެއިން 7 ސަރަޙައްދަކުން ސާމްޕަލްތަކާއި މިމައްސަލަ ދިމާނުވާ ބައެއް ރަށްރަށުގައި ހުރި ކަނޑޫފާ އަދި ޗަސްބިންތަކުންވަނީ ސާމްޕަލްތައް އިންޑިއާއަށް ފޮނުވާފައެވެ. ރާއްޖޭގައި މިމައްސަލަ ކުރިމަތިވަމުންދާ އެންމެ ބޮޑު ދެ ކަނޑޫފަލަކީވެސް ޙިމާޔަތްކޮށްފައިވާ ދެ ސަރަޙައްދެވެ.

އީޕީއޭއިން ވިދާޅުވީ މިޖަރާސީމަކީ ގަސްތައް ވަރަށް ބޮޑަށް ބަލިކޮށްލާ ޖަރާސީމެއްކަމަށެވެ. އަދި ރާއްޖެއާއި މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ތިމާވެށީގެ އެކި މައްސަލަތަކުގެ ސަބަބުން ކުޅިފާ ޗަސްބިންތަކަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު އަލަށް ފެނުނު މިޖަރާސީމުގެ ސަބަބުން ގަސްތައް މަރުވަމުންދާކަމަށް ބެލެވޭކަމަށް އީޕީއޭއިން ވިދާޅުވެއެވެ. އެހެންނަމަވެސް ޗަސްބިންތަކުގެ ގަސްތައް މަރުވަމުންދަނީ ސީދާ މިޖަރާސީމުގެ ސަބަބުންތޯ ދެނެގަތުމަށް ސާމްޕަލްގެ ސައިޒު ބޮޑުކޮށް އިންޑިއާއަށް ފޮނުވަން ނިންމާފައިވާކަމަށް އެއޭޖެންސީއިން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ކަނޑޫފާތަކުގެ ޙާލަތު އިތުރަށް ދެނެގަތުމަށް މިކަމުގެ ޢިލްމީ މާހިރުންގެ ޓީމުތައް މިސަރަޙައްދުތަކަށް ޒިޔާރަތްކޮށް ސައިންޓިފިކް ތަހުލީލުތައް ކުރުމަށް ހަމަޖެހިފައިވާކަމަށް އީޕީއޭއިން ވިދާޅުވެއެވެ.

އީޕީއޭއިން ވިދާޅުވީ އިންސާނުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހެދިފައިވާ ޗަސްބިންތަކާއި ކަނޑޫފާތަކަމަށް އިންސާނުންގެ ސަބަބުން ބަދަލުތައް އަންނަމުންދާކަމަށެވެ. އެގޮތުން ޢުމްރަނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ތިމާވެށީގެ ރައްކާތެރިކަމަށް ނުބަލާ ކުރިއަށްގެންދިޔުމާއި ގުދުރަތީގޮތުން މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ވެއްޓަށް އަންނަ ބަދަލުތަކާއެކު މިތަންތަނުގެ ފެންދައުރުވުމަށް ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވިފައިވަކަމަށް އީޕީއޭއިން ވިދާޅުވެއެވެ.

އެއޭޖެންސީއިން ވިދާޅުވީ ކަނޑޫފާތައް މަރުވުމުގެ މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމަށެވެ. ރާއްޖޭގެ އިތުރުން މިމައްސަލަ ޓްރޮޕިކް ސަރަޙައްދުތަކަށް ކުރިމަތިވަމުންދާކަމަށް އެއޭޖެންސީން ވިދާޅުވެއެވެ. ތިމަވެށީގެ މައްސަލަތައް ދިރާސާކުރުމަށް ދިގުމުއްދަތެއް ނަގާކަމަށާއި އެހެންކަމުން ރާއްޖޭގެ ކަނޑޫފާތައް މަރުވަމުންދާ މައްސަލައެއް ވަގުތުން ވަގުތަށް އެޅޭނެ ސީދާ ފިޔަވަޅެއް މިވަގުތު ނެތްކަންވެސް އެއޭޖެންސީން ފާހަގަކުރައްވައެވެ.