ޚަބަރު

ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢު ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމާލެވޭނެ: އެމްޓީސީސީ


ހދ. ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ މަސައްކަތްތައް މިއަހަރު ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ހަނިމާދޫ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢު އެންމެ ފުރަތަމަ ފަށާފައިވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ އެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށްގޮސްފައިނުވާތީ، މަގުހެދުމުގެ މަޝްރޫޢު ސަރުކާރުން އަލުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 22 މެއި 2019 ގައެވެ. އަދި އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް 15 ޖޫން 2019 ގައި އެކުންފުނިން ވަނީ ފަށާފައެވެ.

މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ހޮޅިވަޅުލުމާއި ކާރުތައް ހެދުން އަދި ޕޭވްމަންޓް ހެދުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މަގުތައް ހެދުމުގެ މުޅި މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ ދަށުން މިހާރު ކުރަމުންދަނީ ތާރުއެޅުމުގެ ކުރިން މަގުތަކުގައި ބޭސް އެޅުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މިމަހުގެ ނިޔަލަށް ތާރުއަޅަން ފެށޭނެކަމުގައިވެސް އެކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށްދާގޮތަށް ބަލާނަމަ މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ލަފާ ކުރެވެނީ މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށްކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ހަނިމާދޫގެ މަގުތަކަކީ އަޑިގުޑަން ގިނަ މަގުތަކެއްކަމަށާއި، މިމަޝްރޫގެ ދަށުން މަގުތައް ހެދިގެން ދިއުމަކީ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބި، ވެހިކަލްތަކަށް ލިބެމުންދިޔަ ގެއްލުންތަކަށް ހައްލެއް ލިބޭނެ ކަމެއްކަމަށެވެ. އަދި މަގު ހެދުމުގެ މަޝްރޫއު ނިމޭއިރު މަގު ބައްތިތައްވެސް ހަރުކުރެވިގެން ދިއުމަކީ އުންމީދެއްކަމުގައި ކައުންސިލް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫގެ 18 މަގެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ވެހިކަލްތައް ދުއްވުމަށް ހާއްސަކޮށްގެން 38916 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅާ، ހިނގާ މީހުންނަށް 16518 އަކަ މީޓަރުގެ ޕޭވްމަންޓް ހަދާނެއެވެ. އަދި މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ޤާއިމުކޮށް، ފެނާއި ނަރުދަމާއާއި، މުވާސަލާތީ ޚިދުމަތްތަކަށް ބޭނުންވާ ކޭބަލް ޖަންކްޝަންތައް ޤާއިމުކުރާނެއެވެ. މީގެ އިތުރުން، މަގުބައްތި ހަރުކުރުމާއި، 19،679 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި، ޓްރެފިކް ނިޝާން ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

46.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހދ. ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ކުރަމުންދާއިރު، އެރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް އެކުންފުނިން އަންނަނީ ކުރިއަށްގެންދަމުންނެވެ. ހަނިމާދޫއަކީ އާބާދީގައި ގާތްގަނޑަކަށް 2100 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.