ކުޅިވަރު

އޭއެފްސީ ކަޕްގެ ގުރޫޕް ޑީގެ މެޗްތައް ބާއްވަން ރާއްޖެއިން ބިޑްކޮށްފި


އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕްގެ މެޗްތައް ކެންސަލްކޮށް ރާއްޖޭގެ ޓީމްތަކަށް ގެއްލުން ވުމުގެ ބަދަލްގައި ރާއްޖެއިން ގުރޫޕް ޑީގެ މެޗްތައް ބޭއްވުމަށް ބިޑްކޮށްފިއެވެ.

މީގެ ކުރިންވެސް ރާއްޖެއިން ވަނީ ދެ ފަހަރެއްގެ މަތިން އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕްގެ މެޗްތައް ހޯސްޓް ކުރުމުގެ ފުރުސަތު ހޯދާފައެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޕްލޭއޯފްގައި ރާއްޖޭގެ ކުލަބް އީގަލްސް ކުޅުމަށް ހަމަޖެހިފައިވާ މެޗާއި އޭއެފްސީ ކަޕްގެ ގުރޫޕް ޑީގައި ރާއްޖޭގެ މާޒިޔާ ކުޅުމަށް ހަމަޖެހިފައިވާ މެޗްތައް ހޯސްޓް ކުރާނެ ގައުމެއް ނުވެގެން ކެންސަލް ކުރާ ހިސާބަށް ދިއުމަކީ ރާއްޖޭގެ ކުލަބްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއްކަމަށް ބައްސާމް ވިދާޅުވިއެވެ.

އޭއެފްސީ ކަޕްގެ 10 ގްރޫޕްގެ ތެރެއިން ހަ ގްރޫޕުގެ މެޗުތައް މިހާރު ވަނީ ކުޅެ ނިމިފައެވެ. އަދި ބައެއް ގްރޫޕްތަކުގެ މެޗުތައް ސެންޓްރަލައިޒްކޮށް، ކުޅެން ހޯސްޓްކުރާނެ ގައުމެއް ނުވުމާއި މިކަމުގައި ގިނަ ދަތިތަކެއް ހުރިކަން އޭއެފްސީން ނެރުނު ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މެޗްތައް ހޯސްޓް ކުރާނެ ގައުމެއް ނުލިބިގެން ރާއްޖޭގެ ޓީމްތަކަށް ލިބޭ ގެއްލުމަކީ އެފްއޭއެމްއިން ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި މިމުބާރާތަށް ތައްޔާރުވުމަށް މާޒިޔާ އާއި ކުލަބް އީގަލްސްއިން ބޮޑު ޚަރަދެއްކޮށްފައިވާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބައްސާމް ވިދާޅުވިއެވެ. ގުރޫޕް ޑީގެ މެޗްތައް ބޭއްވުމަށް ރާއްޖެއިން ބިޑްކޮށްފައިވާއިރު، ބައްސާމް ވިދާޅުވީ އެފްއޭއެމުން މިމެޗްތަށް ބޭއްވުމަށް ބިޑްކޮށްފައި ވަނީ ސަރުކާރާއި ޔޫތް މިނިސްޓްރީއާއެކު މަޝްވަރާ ކުރުމަށްފަހުގައިކަމަށާއި އެކަމަށް ބޭނުންވާ ހުއްދަ މިހާރު ލިބިފައިވާކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ. އަދި މިހާރު ޔޫތު މިނިސްޓްރީ ހިންގުމާއި ހަވާލުވެގެން ހުންނެވި ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމު ވެސް މިކަމަށް ވަރަށް އެއްބާރުލުން ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ބައްސާމް ވިދާޅުވީ ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕްގެ މެޗްތައް ހޯސްޓް ކުރުމަށް ރާއްޖެއިން ބިޑްކޮށްފައިވާއިރު، މިކަމާބެހޭގޮތުން އޭއެފްސީއާއެކު ވެސް މަޝްވަރާކޮށްފައި ވާނެކަމަށް ބައްސާމް ވިދާޅުވިއެވެ. ބަންގްލަދޭޝްއިން މެޗްތައް ބޭއްވުމަށް ޝައުގުވެރިކަން މީގެ ކުރިން ފާޅުކޮށްފައިވާއިރު، އެގައުމުގެ ކޯވިޑް-19 ހާލަތު އޮތްގޮތުން މުބާރާތްތައް ބޭއްވޭނެކަމުގެ ޔަގީންކަމެއް ނުލިބެއެވެ. އަދި އަވައްޓެރި އިންޑިޔާގެ ހާލަތު ވެސް ރަނގަޅު ނޫންކަން ފާހަގަކޮށްލެވެއެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ޚާއްސަ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއެވެ. އެ ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ޕްލޭއޮފް ބުރުގައި ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ވާދަކޮށް އެމެޗުން މޮޅުވާ ޓީމަކަށެވެ.

ބައްސާމް ވިދާޅުވީ ގުރޫޕް ސްޓޭޖްގެ މެޗްތައް ބާއްވާ ގައުމެއްގައި ކޮލިފައިންގެ މެޗު ވެސް ބޭއްވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

މިހާރު ތާވަލްކޮށްފައިވާ ގޮތުން އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖްގެ މެޗްތައް ބޭއްވުމަށް މިހާރު ތާވަލް ކޮށްފައިވަނީ އޯގަސްޓް މަހުގެ ތެރޭގައެވެ.