ވިޔަފާރި

އެސްއެމްއީ ތަކަށް "ވިޔަފާރި ދިރުން" ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި


އެސްޑީއެފްސީގެ "ވިޔަފާރި ދިރުން" ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ އެސްއެމްއީ ތަކަށް ޚާއްސަކޮށްގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ލޯނު ސްކީމެކެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ތަޢާރަފު ކުރި މިލޯނަކީ ދެމެހެއްޓެނިވިގޮތެއްގައި ވިޔަފާރިތައް ކުރިއެރުވުމަށް ދޫކުރާ ލޯނެކެވެ. މި ލޯނަކީ %6 ގެ ކުޑަ އިންޓަރެސްޓް ރޭޓެއްގައި އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއްގެ ގްރޭސް ޕީރިއެޑަކާއެކު ދޫކުރާ ލޯނެކެވެ. އަދި ލޯނު ދެއްކުމަށް 5 އަހަރާއި 8 އަހަރުގެ މުއްދަތެއް ލިބެއެވެ.

މި ލޯން ދިނުމަށް ހަމަޖެހިފައިވަނީ ބައިބަޔަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިހާރު ހިންގަމުންދާ ކެފޭ، ރެސްޓޯރެންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށެވެ.

މިލޯން އެހީ ދިނުމަށް ހަމަޖެހިފައިވަނީ 3 ޕެކޭޖަކަށް ބިނާކޮށެވެ. އެގޮތުން ޕެކޭޖް އެކެއްގައި ލޯނު އެހީ ދޭނީ ވިޔަފާރި ހިންގުމަށް ފައިސާގެ އެހީ ބޭނުންވާ ފަރާތްތަކަށެވެ. ޕެކޭޖް ދޭއްގެ ދަށުން އެހީ ދެނީ ހިނގަމުންދާ މަޝްރޫޢަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި ތިންވަނަ ޕެކޭޖުގައި ފައިސާ ދެނީ ވިޔަފާރި ފުޅާކުރުމަށް އަދި ލޯނުގައި ނުހިމެނޭ ގޮތަށް ފަންނީ ލަފާ ދޭ ގޮތަށެވެ.

ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ފަންނީ ލަފާ ދިނުމަށާއި ލޯނަށް އެދޭ ފަރާތްތަކަށް މިހާރު ލުއި ގޮތްތަކެއް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެގޮތުން ވިޔަފާރިތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ލޯނު ޕްރޮސެސްވެގެންދާއިރު ބިޒްނަސް ކްލިނިކްތައް ޤާއިމު ކުރެވި އެތަނުން ލިބިގެން ދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން ލޯނަށް އެދޭ ފަރާތްތަކުން ރަހުނެއް ބޭނުމެއް ނުވާނެ ކަމަށާ، ވިޔަފާރި ފުޅާކުރަން ބޭނުންވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އިކުއިޓީ ނެތި ލޯނަށް އެދެވޭނެކަމަށް އެސްއެމްއީ ބޭންކުން ވިދާޅުވެއެވެ. ލޯނަށް އެދުމާއި ލޯނާގުޅޭ ހުރިހާ މައުލޫމާތެއް އެސްޑީއެފްސީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.