ޚަބަރު

މުޅިރާއްޖެއަށްވެސް ވައިގަދަ، ސަމާލުވޭ - މެޓް


މިހަފްތާގައި ރާއްޖޭގެ ހުރިހާހިސާބަކަށްވެސް ވައިގަދަވާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން އިލްތިމާސްކުރައްވައިފިއެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 7:30އިން ފެށިގެން މެނދުރު 13:30އާ ހަމައަށް ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބުދަދުވަހު ކޮންމެސް ވަރަކަށް ވިއްސާރަ އަލިވިނަމަވެސް މުޅި ހަފްތާގައިވެސް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ. އެގޮތުން ރާއްޖޭގެ އުތުރުގެ ސަރަޙައްދުތަކަށް ގަޑިއަކު 12 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށާ، ދެކުނުގެ ސަރަޙައްދުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދު ބާރު މިނެއްގައި ވައިގަދަވާނެކަމަށް އެއޮފީހުން ލަފާކުރައްވައެވެ. މީގެ އިތުރުން ކޮޅިގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން އެންމެ ގިނައިން ވާރެވެހިފައިވާކަމަށް ރެކޯޑުކުރެވިފައިވަނީ އައްޑޫސިޓީ ގަމަށެވެ. އެއީ 60 މިލި ލީޓަރުގެ ވާރެއެވެ.