ކުޅިވަރު

ކޮވިޑާއި ގުޅިގެން އޭއެފްސީ ކަޕަށް ބަދަލެއް


ކޮވިޑް-19ގެ ހާލަތާއެކު އޭއެފްސީ ކަޕްގެ މެޗްތަކުގެ ތެރެއިން ނޮކައުޓް ބުރުގެ މެޗުތައް އެއް ލެގަށް ކުޅޭގޮތަށް އޭއެފްސީން ނިންމައިފިއެވެ. ކޯވިޑް-19ގެ ޕެންޑަމިކާއި ގުޅިގެން އޭއެފްސީ ކަޕްގެ މެޗްތައް މީގެ ކުރިންވަނީ ދެތިން ފަހަރެއްގެ މަތީން ފަސްކޮށްފައެވެ.

އޭއެފްސީއިން ނެރުނު ބަޔާންއެއްގައި ބުނެފައިވަނީ އޭއެފްސީ އެގްޒެކްޓިވް ކޮމިޓީ އާއި ކޮމްޕެޓިޝަން ޑިޕާޓްމަންޓުން މަޝްވަރާކުރުމަށް ފަހު ނިންމާފައި ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލުން ފެށިގެން އެއް ލެގަށް ކުޅޭ ގޮތަށް ކަމަށެވެ. އޭއެފްސީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލާއި ހިސާބުން ނޮކައުޓް ގޮތަށް މެޗްތައް ބަދަލް ކުރަން ޖެހުނީ މިޕެންޑަމިކާއި ގުޅިގެން އެއް ގައުމުން އަނެއް ގައުމަށް ޓީމުތައް ދަތުރުކުރުމުގައި ގިނަ އުނދަގޫތަކެއް ކުރިމަތިވާތީއެވެ. އަދި މިއީ އެންމެންގެވެސް ރައްކާތެރިކަމަށް ވިސްނާފައި އެޅި ފިޔަވަޅެއްކަމަށް އޭއެފްސީއިން ބުނެފައިވެއެވެ. އޭއެފްސީ ކަޕްގެ އިތުރުން އޭއެފްސީ ޗެންޕިއަންސް ލީގްވެސް ސެންޓްރަލައިޒްކޮށް ކުރިއަށް ގެންދިއުމަށް އޭއެފްސީއިން ވަނީ ނިންމާފައެވެ.

އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕްގެ މެޗްތައް ހޯސްޓް ކުރުމަށް ރާއްޖެއިން އިންޑިޔާއާއި ވާދަކޮށް މެޗްތައް ހޯސްޓް ކުރުމުގެ ފުރުސަތު ހޯދިއިރު، އެކިސަބަބުތަކާއި ހުރެ، ރާއްޖޭގައި މުބާރާތުގެ މެޗްތައް ނުބޭއްވި، ފަސްކުރިއެވެ. އަދި ދެ ފަހަރެއްގަ މަތީން އޭއެފްސީއިން ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗްތައް ހޯސްޓް ކުރުމަށް ހުޅުވާލުމުން ވެސް އެކަމަށް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. މި ފަހަރުގެ އޭއެފްސީ ކަޕްގެ 10 ގްރޫޕްގެ ތެރެއިން ހަ ގްރޫޕްގެ މެޗުތައް ވަނީ ކުޅެ ނިމިފައެވެ.