ޚަބަރު

ނޮޅިވަރަންފަރު ފަޅަށް ވަންނަން އުޅުނު ދޯންޏެއް އެރަށުގެ ނެރުމަށްޗަށް އުރިއްޖެ


ތިން މީހުނާއެކު ދަތުރުކުރި "އަލިސާފު" ނަމަކަށްކިޔާ ދޯންޏެއް ހދ.ނޮޅިވަރަންފަރު ނެރުމައްޗަށް އުރިއްޖެއެވެ. 90 ފޫޓޫގެ މިދޯނި އެރަށު ފަޅަށް ވަންނަން އުޅުމުގެތެރޭގައި ނެރުމަޗަށް އުރިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އެބަދެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވިގޮތުގައި އެދޯނި އުރިގެން އެކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ 20:51 ހާއިރުކަމަށެވެ. މިހާދިސާގައި މީހަކަށް ހާނީއްކައެއް ވެފައިނުވާކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއްވައެވެ. އަދި މިހާރު ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއް ބޭނުންކޮށްގެ އެދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވީ އެދޯންޏަކީ އެރަށުގެ ފިހާރަޔަކަށް މުދާއުފުލާ ދޯންޏެއްކަމަށާ، މިޙާދިސާ ހިނގީ އެދޯނި އެހެން ރަށަކުން ލަކުޑި ހިފައިގެން އައިސް ރޭ އެރަށަށް ވަންނަން އުޅުމުގެ ތެރޭގައިކަމަށެވެ. މިހާރު ލަކުޑިތަށްވެސް ދޯނިން ހުސްކޮށްފައިވާކަމަށާއި ދޯނި ފުންކުރުމުގައި އަދި އެއްވެސް ކުރިއެރުމެއް ނުލިބޭކަމަށް ކައުންސިލުން ވިދާޅުވެއެވެ.