ވިޔަފާރި

މިއަހަރުގެ ފިނިމޫސުމުގައިވެސް އެއަރ ފްރާންސްގެ ދަތުރުތަށް ރާއްޖެއަށް


މިއަހަރުގެވެސް ފިނި މޫސުމާ ދިމާކޮށް އެއަރ ފްރާންސްއިން ރާއްޖެއަށް ދަތުރުތަށް ބޭއްވުމަށް ނިންމައިފިއެވެ.

ފްރާންސްގެ ޤައުމީ އެއަރލައިން، އެއަރ ފްރާންސްއިން މިއަހަރުގެ ފިނި މޫސުމުގައި ދަތުރުތަށް ބާއްވާނެ މަންޒިލްތަށް މިހާރުވަނީ އިޢުލާންކޮށްފައެވެ. އެގޮތުން އެ އެއަރލައިނުން އާއްމުކުރި ޝެޑިއުލްގައި ގިނައީ ޗުއްޓީއަށް މީހުންދާ މަޤްބޫލު މަންޒިލްތަކެވެ.

މިދަތުރުތަށް ކުރިއަށްދާނީ މިއަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން އަންނަ އަހަރުގެ މާރިޗުމަހުގެ ނިޔަލަށެވެ.

އެއަރ ފްރާންސްއިން ރާއްޖެއަށް ކުރާ ދަތުރުތަށް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރުމަހުގެ އެއްވަނަ ދުވަހުއެވެ. މި ދަތުރުތަށް ކުރުމަށް ހަމަޖެހިފައިވަނީ ޕެރިސް ޗާލްސް ދުގުލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. މި ދަތުރުތަށް ކުރާނީ ސްރީލަންކާގެ ކޮލޮމްބޯގައި ޓްރާންސިޓް ކުރުމަށްފަހުއެވެ.

އެއަރ ފްރާންސްއިން ފިނި މޫސުމުގައި ދަތުރުތަށް ފެށުމަށް ނިންމާފައިވާ އިތުރު މަންޒިލްތަކުގެ ތެރޭގައި، ޒާންޒިބަރ އާއި އޮމާން އަދި ޓަހީޓީ ފާހަގަކޮށްލެވެއެވެ.

އެއަރ ފްރާންސްއިންވަނީ މިދިޔަ އަހަރުގެ ފިނި މޫސުމުގައިވެސް ރާއްޖެއަށް ދަތުރުތަށް ބާއްވާފައެވެ.
ފްރާންސްއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ޤައުމެކެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުުރުވެރިން އައި 10 ޤައުމުގެތެރޭގައި ފްރާންސް ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާގޮތުން އަހަރުގެ މިހާތަނަށް ފްރާންސްއިންވަނީ 10،954 ފަތުރުވެރިން އައިސްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ 2.1 އިންސައްތަ އެވެ. އަދި މިއާއެކު ފްރާންސްވެފައިވަނީ ރާއްޖެއަށް 9ވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައި ޤައުމަށެވެ.