ޚަބަރު

ބަނގުރާ ފުޅިތަކަކާއި އެކު 2 މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި


ދެ ފުޅި ބަނގުރަލާއި ގިނަ ޢަދަދެއްގެ ފައިސާއާއެކު ދެ މީހަކު ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިދެމީހުންގެ ތެރެއިން 21 އަހަރުގެ މީހާއަކީ ދިވެއްސެކެވެ. އަދި 22 އަހަރުގެ މީހާއަކީ ބަންގުލަދޭޝް ރައްޔިތެެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިރޭ 19:55 ހާއިރު ހުޅުމާލެ ކަންނެލި ޖެޓީ ސަރަޙައްދުންކަމަށް ފުލުހުން ބުނެއެވެ.ފުލުހުން ބުނީ އެވަގުތު ސައިކަލް ދުއްވަން އިންމީހާ ފުލުހުންނަށް ފިލާފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 21 އަހަރުގެ މީހާއަކީ އެވަގުތު ސައިކަލުގެ ފަހަތުގައިން މީހާކަމަށެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ދާން އުޅުނު ވަގުތު އެމީހާ އެވަގުތު އިން ސައިކަލުގެ ފަހަތު ދަގަނޑުގައި ފުލުހުން ހިފުމާއި ގުޅިގެން ބަނގުރާފުޅިތަކާއެކު މިމީހާ ވެއްޓުނު ވަގުތުކަމަށް ފުލުހުން ބުނެއެވެ.މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބިދޭސީ މީހާއަކީ ކަންނެލި ޖެޓީ ސަރަޙައްދަށް ކައިރިކުރި ޑިންގީއިން ގެނައި ބަނގުރާފުޅިތައް ސައިކަލުގައި ތިބި ދެމީހުންނާ ހަމައަށް ގެނެސްދިން މީހާކަމަށްވެސް ފުލުހުން ބުނެއެވެ.ފުލުހުން ބުނީ ބަނގުރާ ފުޅިތަކުގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ މިމީހުންގެ އަތުން ފެނިފައިވާކަމަށެވެ. މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންނެވެ.