ކުޅިވަރު

ހަނިމާދޫގައި ޓާފް ދަނޑެއް އެޅުމަކީ އެރަށުގެ ކުޅުންތެރިންނަށް ލިބިގެންދިޔަ ހިތްވަރެއް


ހދ . ހަނިމާދުގައި ޓާފް ދަނޑެއް އެޅުމަކީ އެރަށުގެ ފުޓުބޯޅަ ކުޅުންތެރިންނަށް ކުޅިވަރު ކުރިއެރުވުމަށް ލިބިގެންދިޔަ ހިތްވަރެއްކަމުގައި ކައުންސިލުން ބުނެފިއެވެ.

އެރަށުގެ ދަނޑުގައި ޓާފްއަޅައި ނިމުނުކަން ހާމަކުރައްވަމުން މިވަގުތު މަގާމުގެ މައްސޫލިއްޔަތުތަކުން ދުރުކުރައްވާފައި ހުންނެވި ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެންމެން ފުޓްބޯޅަ ފޯރީގައި ޔޫރޯ ބަލަންތިއްބައި ހދ.ހަނިމާދޫގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ޤާއިމް ކޮށްދެއްވަން ވަޢުދުވެ ވަޑައިގެންނެވި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ހަނިމާދޫ ކައުންސިލުންބުނީ ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މަސައްކަތް ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ވިދާޅުވީ ދަނޑަށް ފެންޖެހުމަށް ބޭނުންވާ ނިޒާމް ކައުންސިލުން އިސްނަގައިގެން ޓާފް ދަނޑާއި އަދި މިހާރު ކުޅުމަށް ބޭނުން ކުރަމުން އަންނަ ވިނަ ދަނޑުގެ ވަށައިގެން ވެސް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކައުންސިލުގެ ވިސްނުމަކީ ދަނޑުގެ ފެންސާއި އަދި ފެނުގެ ނިޒާމް ޤާއިމް ކުރުމަށް ފަހު ދަނޑު ރަސްމީކޮށް ބޭނުން ކުރަން ފެށުން ކަމަށެވެ. ނަމަވެސް އެކަމަށް ގޮތެއް ނިންމުމަށް މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވާނެ ކަމުގައި ސައްތާރު ވަނީ ވިދާޅުވެފައެވެ. ހަނިމާދޫ ފުޓްބޯޅަ ދަނޑުތައް ބެލެހެއްޓުމަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް ދާ ކަމުގައި ސައްތާރު ވަނީ ވިދާޅުވެފައެވެ.

އަބްދުއްސައްތާރު އިތުރަށްވިދާޅުވީ ހަނިމާދޫއަކީ ޒަމާނުންސުރެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ރަށެއްކަމަށާއި ފުޅުބޯޅާގައި ގިނަ ކާމިޔާބީތައް އަތޮޅުފެންވަރުގަޔާއި ޒޯންފެންވަރުގައި ހޯދާފައިވާ ރަށެއްކަމަށެވެ. އަދި މިފަދަ ދަނޑެއްގެ ބޭނުން ޒުވާނުން ފުރިހަމަޔަށް ހިފައި އިތުރަށް މިކުޅިވަރު ތަރައްގީކޮށް އިތުރު ކުޅުންތެރިން އުފެއްދުމަށް ޒުވާނުން މަސައްކަތް ކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ހދ.ހަނިމާދޫގެ އިތުރުން ހދ.ނެއްލައިދޫގައި ވެސް ސަރުކާރުން ގާއިމްކުރި ޓާފް ދަނޑުގެ މަސައްކަތް މީގެ ކުރިންވަނީ ނިންމާލާފައެވެ.