ޚަބަރު

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނުދިން، މައްސަލަ ހައިކޯޓަށް


ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެނުދޭން ކްރިމިނަލް ކޯޓުން ނިންމަވައިފިއެވެ. ޢަލީ ވަޙީދު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުންނެވި އިރު އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް އުފުލާ އެ މައްސަލަތަކުގެ ޝަރީއަތްތައްވަނީ ފަށާފައެވެ. އަލީ ވަހީދު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވަނީ ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ނިންމުމުން ހަމަ އެރޭގެ ވަގުތެއްގައެވެ.

އަލީ ވަހީދުގެ މައްސަލާގައި އޭނާގެ ޕާސްޕޯޓް އަލުން ހިފަހައްޓާދިނުމުގެ އަމުރެއް ނެރެ ދިނުމަށް ފުލުހުން ކްރިމިނަލް ކޯޓަށް ހުށައެޅި މިދިޔަ ޖޫން މަހުގެ 23 ވަނަދުވަހުއެވެ. އެހެންނަމަވެސް އެކޯޓްގެ ގާޒީ ހަސަން ސައީދު މިއަދު ނިންމަވާފައިވަނީ އެ ފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އޭނާގެ އަމިއްލަ ބޮލްގުގައި އާއްމުކުރެއްވި އޯޑިއޯ ޕޯސްޓެއްގައި ވިދާޅުވީ ކްރިމިނަލްކޯޓުގެ ނިންމެވުމުގައި ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މަގްސަދެއް ނެތްކަމަށެވެ. އެހެންކަމުން ފުލުހުން އެދުނު އަމުރު ނެރެދެވެން ނެތްކަމަށް ދަށު ކޯޓުން ނިންމާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. ޕީޖީ ވިދާޅުވީ ދަށުކޯޓްގެ މި ނިންމުން ހައިކޯޓްގައި އިސްތިއުނާފުކުރައްވާނެކަމަށެވެ. ސަބަބެއްކަމަށް ޝަމީމް ވިދާޅުވީ އަލީ ވަހީދަކީ ފިލައިގެން އުޅޭ މީހަކަށްވުންކަމަށެވެ.

" މީނާ އަކީ ފިލައިގެން އުޅޭ މީހެއް. ހައިކޯޓަށްވެސް ނުފެނިފައި ހުރި މީހެއް. ކްރިމިނަލްކޯޓަށްވެސް ނުފެނިފައި ހުރި މީހެއް. އަދި ސުޕްރީމްކޯޓަށްވެސް ނުފެނިގެން އުޅޭ މީހެއްކަން އަޅުގަނޑުމެނަށް ލިބިފައިވާ ލިޔެކިޔުންތަކުން ފެންނަން އޮތް މީހެއް. އެހެންކަމުން މީނާގެ ޕާސްޕޯޓް ހިފަހައްޓަންޖެހޭ ސަބަބެއް އޮތްކަމަށް އަޅުގަނޑުމެންނަށް އެބަ ޤަބޫލުކުރެވޭ. " ޕްރޮސެކިއުޓަރ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގައި އޭނާ ބައިވެރިވުމަށް އެދިވަޑައިގެންފައިވަނީ އިންގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށެވެ. އަދި ކްރިމިނަލް ކޯޓުން މިގޮތަށް ހަމަޖައްސާދެއްވުމުން އިންގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަންގައި އެ މައްސަލައިގެ އަޑުއެހުމެއް އޮންލައިންކޮށް ވަނީ ބާއްވާފައެވެ. އެހެންނަމަވެސް އެ ގޮތަށް ޝަރީއަތް ކުރިޔަށް ގެންދިޔުމަކީ ޤާނޫނާއި ހިލާފުކަމެއްކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަވެސް ހައިކޯޓްގައި އިސްތިއުނާފުކޮށްފައެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ދައުލަތުން އެ ހުށައެޅުން ހައިކޯޓުން ބަލައިގަނެ ކޯޓްގައި ރަޖިސްޓްރީކޮށްފައިވާކަމަށެވެ. އަދި ރަޖިސްޓްރީގެ މަރުހަލާ ނިމި ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ޝަރީއަތް ބޭއްވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ބޭސް ފަރުވާއަށްކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ ހަތަރު މަހުގެ މުއްދަތަކަށް ކޯޓުން ދިން ހުއްދަޔާއިއެކުއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.