ޚަބަރު

ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް އެންސްޕާގެ ޚާއްޞަ ނަމްބަރެއް


  • މިނަމްބަރު މެދުވެރިކޮށް ތެރަޕީތަކާ ގުޅޭ މަޢުލޫމާތު ހޯދޭނެ

  • 7291402 ނަމްބަރަށް ވަޓްސްއަޕް ކުރެވޭނެ

  • މިހާރު ބޭނުންކުރާ 1402އިން މަޢުލޫމާތު ހޯދުމަށް ދަތިތައް ދިމާވޭ

  • ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8އިން ރޭގަނޑު 10އަށް ޚިދުމަތް ލިބޭނެ

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ތެރެއިން ތެރަޕިއުޓިކް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އެ ފަރުވާއާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ޚާއްޞަ ވަޓްސްއަޕް ނަންބަރެއް އެންސްޕާއިން ޤާއިމުކޮށްފިއެވެ. އެންސްޕާއިން މިނަމްބަރު ޤާއިމުކުރީ، މިހާރު އެއިދާރާގެ ހޮޓްލައިނަށް ގުޅުމުގައި ރާއްޖެއިން ބޭރުގައި ތިބޭ ފަރާތްތަކަށް ދަތިތަކަކާއި ކުރިމަތިވާތީ އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުންނެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓީކް ފަރުވާ ދެމުންދަނީ އިޖުތިމާޢީ އެހީގެ ނިޒާމު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ މެދުވެރިކޮށެވެ. މިފަރުވާތަކާއި ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް މިހާރު ހުރި އިންތިޒާމުތަކުގެ ތެރެއިން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަވުމާއެކު އެކަމަށް މިހާރުވަނީ ޙައްލެއް ގެނެސްދެއްވާފައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވީ، ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ 58 ފަރާތަކުން އެންސްޕާގައި ރަޖިސްޓްރީ ކޮށްގެން ޚިދުމަތްތައް ހޯދަމުންދާ ކަމަށެވެ. އަދި އެއިދާރާގެ ރަސްމީ ހޮޓްލައިން 1402 އަށް ގުޅުމަށް މިފަރާތްތަކަށް ދަތިތަކަކާއި ކުރިމަތިވާތީ، މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަ ވަޓްސްއެޕް ނަމްބަރެއް ޤާއިމުކޮށްފައިވާ ކަމަށެވެ. އެގޮތުން ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 10 ޖެހުމާ ހަމައަށް 7291402 ނަމްބަރު މެދުވެރިކޮށް ތެރަޕީތަކާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދެމުންދާނެ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އެންސްޕާގައި ރަޖިސްޓްރީވެ ޚިދުމަތް ހޯދަމުންދާ ފަރާތްތަކުން ސްޕީޗް ތެރަޕީއާއި، އޮކިއުޕޭޝަނަލް ތެރަޕީ ފަދަ އެކި ތެރަޕީތައް ހޯދަމުންދާކަން އެންސްޕާއިން ފާހަގަކުރައްވައެވެ.

އެންސްޕާއަކީ، އިޖުތިމާޢީ އެހީގެ ދަށުން ދިވެހީންނަށް ޚިދުމަތް ދެމުންދާ ސްކީމެކެވެ. އާސަންދައިގެ ބޭރުން ސިއްޙަތާއި ގުޅުންހުރި އެކި ފަރުވާތަކަށް ބޭނުންވާ އެހީތަކާއި، ޢުމުރުން ދުވަސްވީ މީހުންނާއި އެކަނިވެރި މައިން ބަލަމުންދާ ދަރިންނާއި، ފަޤިރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންސްޕާއިން ދަނީ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.