ވިޔަފާރި

ދުވަސްތަކަކަށްފަހު އެއްދުވަހެއްގެތެރޭ 3000އަށްވުރެ ގިނަ ފަތުރުވެރިން


ގިނަ ދުވަސްތަކަކަށްފަހު ރާއްޖެއަށް އެއްދުވަހެއްގެ ތެރޭ 3000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 3ވަނަ ދުވަހު ރާއްޖެއަށްވަނީ 3078 ފަތުރުވެރިން އައިސްފައެވެ. ރާއްޖެއަށް އެއްދުވަހެއްގެ ތެރޭ 3000އަށް ވުރެ ގިނަ ފަތުރުވެރިން އެންމެ ފަހުން އައިސްފައިވަނީ މިދިޔަ މެއިމަހުގެ 11 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ވަނީ 3164 ފަތުރުވެރިން އައިސްފައެވެ.

މި ނިމުނު ޖޫންމަހު ރާއްޖެއަށް އެއް ދުވަހެއްގެތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށްވަނީ 2607 ފަތުރުވެރިން އައިސްފައެވެ.

ޖޫންމަހަށް ބަލާލާއިރު، ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތައް ހުރީ ވަރަށް ދަށްކޮށެވެ. އެގޮތުން އާއްމު ގޮތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދުތައް ހުރީ 1500 އާއި 180އާ ދެމެދުގެ އަދަދުތަކުގައެވެ.

ޖުލައިމަހުގެ އަދަދުތަކަށް ބަލާލާއިރު، މިމަހުގެ ފުރަތަމަ ތިން ދުވަހުވެސް ރާއްޖެއަށްވަނީ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައެވެ. އެގޮތުން މިމަހުގެ ފުރަތަމަ ދުވަހު ރާއްޖެއަށް 2493 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މިމަހުގެ 2ވަނަ ދުވަހު 2217 ފަތުރުވެރިން އަދި މިމަހުގެ ތިންވަނަ ދުވަހު ރާއްޖެއަށްވަނީ 3078 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޢެހެންކަމުން ތިން ދުވަސްތެރޭ ރާއްޖެއަށް މިވަނީ ޖުމްލަ 7788 ފަތުރުވެރިން އައިސްފައެވެ. ނަމަވެސް މި އަދަދަކީ 2019ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 32 އިންސައްތަ ދަށް އަދަދެެކެެވެ.

މިމަހުގެ މިހާތަނަށް ރާއްޖެއަށް 7000އަށް ވުރެ ފަތުރުވެރިން އައިސްފައިވާއިރު، ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އަންނަ ފަތުރުވެރިންގެ އަދަދުވަނީ 2500އަށް އަރާފައެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 24.4 އިންސައްތަ އަކީ ރަޝިއާ ފަތުރުވެރިންނެވެ.