ވިޔަފާރި

އެމްޕީއެލްގެ ފޯކަސް ޕޯޓްތައް އިތުރަށް ތަރައްޤީކުރުމަށް


އެމްޕީއެލުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ޕޯޓްތަކުން ދޭ ޙިދުމަތްތައް އިތުރަށް ފުޅާކޮށް ކުރިއެރުވުންކަމަށް އެކުންފުނީގެ ސީއީއޯ ޝާޙިދު އަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލުން ދެމުން އައި ދަތުރުފަތުރުގެ ޙިދުމަތްތައް އެމްޓީސީސީއާއި ހަވާލުކޮށްފައިވާއިރު، މިކަމާއި ގުޅޭގޮތުން ޓުވިޓަރ މެދުވެރިކޮށް އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ދެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ އެ ކުންފުނީގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ޕޯޓްތަކުގެ ހިންގުން ހަރުދަނާކުރުމަށް ގިނަ ޕްލޭންތަކެއް ކުރެވެމުންދާ ކަމަށެވެ.

"ޓްރާންސްޕޯޓް ސެކްޓަރއާއި ވަކިވެގެންމިދަނީ، ކުންފުނީގެ ތަސައްވަރުގައި އެބަހުރި މިހާރު ކުންފުނީގެ މެންޑޭޓުގައި ކުރަންޖެހޭ މަސައްކަތްތަކެއް، ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ޕޯޓުތަކުންދޭ ޙިދުމަތަށް ފުޅާކޮށް އަދި އެމަސައްކަތް މިއަށް ވުރެ ރަނގަޅު ހަރުފަތަކަށް ގެންދިޔުމަށް ޕްލޭން ކުރަމުންމިދަނީ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ ގުޅީފަޅަށް މާލެ ޕޯޓް ބަދަލުކުރުމުގެ މަޝްރޫޢާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން މާލެ ޕޯޓު ގުޅީ ފަޅަށް ބަދަލުކުރުމަކީ ބިޔަ މަޝްރޫޢެއް ކަމަށާއި، އެކަމަށް ތައްޔާރުވުމަށް ގިނަ މަސައްކަތަކެއް ކުރަން ޖެހޭ ކަމަށް ޝާޙިދު ވިދާޅުވިއެވެ.

"ބަދަލުވެގެން މިދަނީ މުޅިން އެހެން މަސައްކަތުގެ މާޙައުލަކަށް، މިހާރު މި މަސައްކަތްކުރާ ޓެކްނޮލޮޖީތަކަށްވުރެވެސް، ޒަމާނީ ޓެކްނޮލޮޖީއަށް ބަދަލުވެގެންދާނެ، އެމަސައްކަތްތަކަށް ތައްޔާރުވުމަށް މި ޓްރާންސިޝަން ޕީރިއަޑްގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ، އެގޮތުން އެ މަސައްކަތްތަކަށް ފުރިހަމައަށްކުރުމަށް ދެން އެދިމާލަށް ފޯކަސް އެބުރިގެންދާނީ،" ޝާހިދު ވިދާޅުވިއެވެ.

ޝާޙިދު ވިދާޅުވީ ތިނަދޫގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ޕޯޓަކީވެސް އެކުންފުނިން ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ.

އެމްޕީއެލްގެ ރަސްމީ މަސައްކަތުގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުން ހިމެނިފައިވުވިނަމަވެސް އެކުންފުނިންވަނީ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި މިމަސައްކަތް ކޮށްފައެވެ. އެގޮތުން 3 މިލިއަނަށްވުރެ ގިނަ ދަތުރުވެރިން ބަހުގައި އުފުލާފައިވެއެވެ. އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޒަމާނީ އެތައް ވަޞީލަތެއް އެކުންފުނިންވަނީ ތަޢާރަފުކޮށްފައެވެ.