ޚަބަރު

މޫސުމީ ބަދަލުތަކާއި ދެކޮޅަށްކުރާ މަސައްކަތުގައި އަންހެނުން ބާރުވެރިކުރުވަން ގިނަ މަސައްކަތްތަކެއް ކުރެވޭ


މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް އަންހެނުން ބާރުވެރިކުރުވުމަކީ ރާއްޖެއިން އަބަދުވެސް އިސްކަމެއްދޭކަމެއްކަމުގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލް ޣަފޫރު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލް ޣަފޫރު މުޙައްމަދު މިހެން ވިދާޅުވީ "ދަ ޖެނެރޭޝަން އީކުއެލިޓީ ފޯރަމް"ގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖިންސުގެ ހަމަހަމަކަން ކަށަވަރުކުރުމަށް "ދަ ޖެނެރޭޝަން އީކުއެލިޓީ ފޯރަމް"އަކީ އދ.ގެ އަންހެނުންގެ ޖަމިއްޔާއާއި ފްރާންސާއި މެކްސިކޯގެ އިތުރުން ސިވިލް ސޮސައިޓީތަކާއެކު ކުރިއަށްގެންދާ ފޯރަމެކެވެ. މިފޯރަމްގެ ތެރޭގައި މައިގަނޑު 6 ދާއިރާއަކުން ތަރައްޤީއަށް މަސައްކަތްކުރާއިރު ރާއްޖެއާއި ކޯސްޓަރިކާއިން ކޯ-ލީޑުކުރާ އެއް ދާއިރާއަކީ އެކްޝަން ކޯލިޝަންގެ ތެރޭއިން އަންހެނުން ބާރުވެރުކުރުވުމާއި ތިމާވެއްޓާ ގުޅޭ ދާއިރާކަމަށްވާ ފެމިނިސްޓް އެކްޝަން ފޯރ ކްލައިމެޓް ޗޭންޖްއެވެ.

މިފޯރަމްގައި ވާހަކަދައްކަވަމުން ރާއްޖޭގެ ފޮރިންގ ސެކެޓްރީ ޢަބްދުލް ޣަފޫރު މުޙައްމަދު ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ ޤައުމެއްކަމަށެވެ. އަދި އެގޮތުގައި ދެމިއޮންނާނެކަމުގެ ޔަގީންކަންވެސް ފޮރިންގ ސެކްރެޓަރީ ވަނީ މިފޯރަމްގައި އަރުވާފައެވެ.

ފޮރިންގ ސެކްރެޓަރީ ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބޮޑެތި ބާރުތަކެއް ދީފައިވާއިރު ތިމާވެށި ޙިމާޔަތްކުރުމަށް ރަށު ފެންވަރުގައި ކުރާނެ ކަންކަމުގެ ޚަރަދު ބެލެހެއްޓުމާއި އެކަންކަމުގައި ގޮތް ނިންމުމުގެ ބާރު އެއިދާރާތަކަށް މިހާރުވެސް ދީފައިވާކަމަށެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ކުރިއަށްގެންދާ އެކި މަޝްރޫޢުތަކުގައި އާއި ކުރެވޭ އެކި މަސައްކަތްތަކުގައި ގޮތް ނިންމާ ފެންވަރުގައާއި ސިޔާސަތުތައް އެކުލަވާ ހިސާބުގައިވެސް އަންހެނުންގެ ދައުރު ފުޅާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން އަންހެނުންގެ ދިރިއުޅުމަށް ކުރާ އަސަރު ބޮޑުކަމަށާއި އެގޮތުން ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ފޮރިންގ ސެކްރެޓަރީ ވިދާޅުވިއެވެ. މިގޮތުން އަންހެނުން ހިންގާ ވިޔަފާރިތަކަށް ކުރާ އަސަރުތައް ދެނެގަތުމުގެ މަސައްކަތް ރާއްޖޭގައި ކުރިއަށްގެންދާކަން ފޮރިންގ ސެކްރެޓަރީ ފާހަގަކުރެއްވިއެވެ.

ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ "ދަ ޖެނެރޭޝަން އީކުއެލިޓީ ފޯރަމް" ކުރިއަށްދިޔައީ މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިމަހުގެ 2 ވަނަ ދުވަހާއި ހަމައަށް ފްރާންސްގެ ޕެރިސްގައިކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވެއެވެ.