ވިޔަފާރި

މާލެއާއި ހުޅުމާލޭގައި ހުންނަ މީރާގެ ކަލެކްޝަން ސެންޓަރުތައް ހުޅުވައިފި


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ މާލެއާއި ހުޅުމާލޭގެ ކަލެކްޝަން ސެންޓަރުތަކުގެ ކައުންޓަރުތަކުން މިއަދުން ފެށިގެން ޚިދުމަތް ލިބޭނެކަމަށް މީރާއިން ހާމަކޮށްފިއެވެ.

ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކާއެކު މީރާއިން ވަނީ މާލެ ސަރަޙައްދުގައި ހުންނަ އެ އިދާރާގެ ކަލެކްޝަން ސެންޓަރުތަކުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުން މެދުކަނޑާލާފައެވެ. ނަމަވެސް މާލޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު، މީރާއިން ވިދާޅުވީ މާލޭގައި ހުންނަ މިރާގެ ޓެކްސް ޕެޔަރ ސާވިސް ސެންޓަރާއި ހުޅުމާލޭ ކަލެކްޝަން ސެންޓަރުން ހުޅުވައިގެން ޙިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މީރާ ޓެކްސް ޕޭޔާ ސާވިސް ސެންޓަރ ކިއު ނަމްބަރުތައް ދޫކުރާނީ ހެނދުނު 9:00 އިން މެނދުރު 1:00 އަށްކަމަށް މީރާއިން ވިދާޅުވެއެވެ.

މީރާއިން ވިދާޅުވީ ކިއު ނަންބަރު ދޫކުރާނީ މީރާގެ މޯބައިލް އެޕްލިކޭޝަން އަދި "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށް ކަމަށެވެ. އަދި އޮންލައިންކޮށް އެޕޮއިންޓްމެންޓް ނުހެއްދޭ ފަރާތްތަކަށް ގުޅައިގެން އެޕޮއިންޓްމެން ލިބޭނެކަމަށް މީރާއިން ވިދާޅުވެއެވެ. އަދި ޙިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ފަރާތްތަކުން ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް މީރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިހާރު އޮންލައިންކޮށް ޓެކްސް ބަޔާން އަދި ޓެކްސް ފައިސާ ދެއްކޭނެ އިންތިޒާމު ހަމެޖެހިފައިވުމާއެކު އޮންލައިންކޮށް ޙިދުމަތް ހޯދުމަށް މީރާއިން އިލްތިމާސް ކުރެއެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވާން ފަށާފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ދަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ. މިއާއެކު ސަރުކާރު އޮފީސްތައް ހުޅުވައިގެން ޙިދުމަތް ދިނުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވަނީ ނިންމަވާފައެވެ.