ކުޅިވަރު

ޕެނަލްޓީ ޖަހައިގެން ފެރޫ ކޮޕަރގެ ސެމީއަށް


ޕެނަލްޓީގައި ޕެރަގުއާއި ބަލިކޮށް ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޕެރޫ ޖާގަ ހޯދައިފިއެވެ. ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރު، ދެ ޓީމް ވެސް ވަނީ ތިން ލަނޑު ޖަހާފައެވެ.

މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 10ވަނަ މިނެޓްގައި ޕެރަގުއާއީއަށް ކާމިޔާބުކޮށްދިނީ ގަސްޓާވޯ ގޯމޭޒްއެވެ. ޕެރަގުއާއީއިން މެޗްގައި ލީޑް ނެގުމާއެކު ޕެރޫއިން ގޯލެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އަދި ޕެރަގުއާއީގެ ގޯލަށް ނުރައްކާތެރި ހަމަލާތަށް ފޮނުވާލަން މަސައްކަތް ކުރިއެވެ. ޕެރޫއިން ކުރި މަސައްކަތްތުގެ ނަތީޖާއެއް ގޮތުން މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕެރޫއިން ވަނީ ދެ ގޯލް ޖަހައި ލީޑް ނަގާފައެވެ. މި ދެ ލަނޑުވެސް ޕެރޫއަށް ކާމިޔާބުކޮށްދިނީ ލަޕަޑުލާއެވެ. މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައިވަނީ ޕެރަގުއާއީގެ ފުރަތަމަ ލަނޑު އެޓީމް ކާމިޔާބުކޮށްދިން ގޯމޭޒް ކުރި ފައުލަކާއި ގުޅިގެން ދެވަނަ ރީނދޫ ކާޑާއެކު އޭނާއަށް ރަތް ކާޑް ދައްކާފައެވެ.

މެޗްގެ ދެވަނަ ހާފް ފެށިގެން ޕެރަގުއާއީއިން ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ޕެރަގުއާއީއަށް މެޗްގެ ނަތީޖާ ހަމަހަމަކުރި ލަނޑު ކާމިޔާބުކޮށްދިނީ ޖޫނިއަރ އަލޮންސޯއެވެ. މެޗްގެ 80ވަނަ މިނެޓްގައި ޔަޝްމީރާ ޔޮޓުންވަނީ ޕެރޫގެ ތިންވަނަ ލަނޑު ޖަހާދީ އަލުން ޕެރޫއަށް ލީޑް ނަގައިދީފައެވެ. ނަމަވެސް މެޗް 90ވަނަ މިނެޓްގައި ގެބްރިއަލް ވަނީ ޕެރަގުއާއީގެ 3ވަނަ ލަނޑު ޖަހައިދީ މެޗްގެ ނަތީޖާ 3-3ކަށް ބަދަލުކޮށްފައެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވުމުން، ޕެނަލްޓީ ޖަހައިގެން 4 ލަނޑު 3 ލަނޑުން ޕެރޫ ވަނީ ސެމީގެ ޖާގައެއް ޔަގީކޮށްފައެވެ. ޕެރަގުއާއީން ޖެހި 6 ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ 3 ޕެނަލްޓީއެވެ. އަދި ޕެރޫ ޖެހި 6 ޕެނަލްޓީގެ ތެރެއިން 4 ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފައެވެ. މިމުބާރާރުގެ ސެމީ ފައިނަލްގައި ފަހުގެ ޗެމްޕިއަން ބްރެޒިލާއި ޕެރޫ ކުޅޭ މެޗު އޮންނާނީ ހޯމަ ދުވަހުގެރޭއެވެ.