ޚަބަރު

1 ރުފިޔާއަށް ގޯތި ވިއްކި މައްސަލަ ބާތިލުކޮށްފި


މާލެއިން 1102 އަކަފޫޓުގެ ގޯއްޗެއް 1 ރުފިޔާއަށް ވިއްކާލި މުޢާމަލާތް ސައްޙަކަމަށް ސިވިލްކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.މ. ލާލްޕޫލްގޭގެ އެގާރަސަތޭކަ ދެ އަކަފޫޓްގެ ބިމާއި، އެބިމުގައިވާ އެންމެހާ ޢިމާރާތްކާއި ނުއުފުލޭ މުދާ 1 ރުފިޔާއަށް ވިއްކާލާފައިވަނީ އީވް މޯލްޑިވްސް ޓްރެވަލް އެންޑް ޓުއަރޒް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. މިވިޔަފާރިއަކީ ސައްޙަ ވިޔަފާރިއެއްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ. ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނިންމުމަކީ އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް މަގުފަހިވާ ގޮތަށް، ޝަރުޢީ ގޮތުން އަގެއްކަމަށް ނުބެލެވޭ އަދި ފާޅުކަން ބޮޑު ގޮތެއްގައި މުދަލެއް އޭގެ ނުއަގުގައި ވިއްކުމަށް ކޮށްފައިވާ ހުކުމެއްކަމަށެވެ. އަދި ސިވިލްކޯޓުގެ ނިންމުމަކީ ނިޒާމް ޢާއްމާ ޚިލާފު އަދި ތަންފީޒީ ބާރު ލިބިގެންނުވާ ބާތިލު ނިންމުމެއްކަމަވެސް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވެއެވެ. ބިމާ ބެހޭ ޤާނޫނު ބުނާގޮތުން ބިމެއް ވިއްކައިފިނަމަ އެބިމުގެ އަގުގެ 15 އިންސައްތަ ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހެއެވެ. މ.ލާލްޕޫލްގެ 1 ރުފިޔާއަށް ވިއްކާލުމުން ދައުލަތަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭނީ އެންމެ 15 ލާރިއެވެ.