ޚަބަރު

25 މީހުންނާއެކު މަހަށް ނިކުމެ އުޅުނު ދޯންޏެއް މެދުން ބިންދައިގެންގޮސްފި


25 މީހުންނާއެކު މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް މެދުން ބިންދައިގެން ގޮސްގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެ ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:11 ހާއިރުކަމަށެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ދޯނީގައި ތިބި މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢޫލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށެވެ.

މަސްވެރިކަން ކުރަމުންދިޔަ "މޮހިރާ" ނަމަކަށް ކިޔާ ފައިބަރު ދޯނި މެދުން ބިންދައިގެން ގޮސްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ގއ.ދެއްވަދޫގެ އުތުރުން 8.95 ނޯޓިކަލް ބޭރުން ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަދި މިހާރު އެ ސަރަޙައްދުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޮސްޓްގާޑް ސްކޮޑަރުން ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ކަނޑުމަތީގެ ހާދިސާއެއް ހިނގާފައިވާއިރު އުތުރާއި މެދު ރާއްޖެތެރޭގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މުސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.