ޚަބަރު

ހަމަލާގެ ތަޙްޤީގު ހިންގާގޮތް ބެއްލެވުމަށް ރައީސްގެ ޚާއްސަ މަންދޫބު ރާއްޖެ ވަަޑައިގެންފި


މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލެއްވުމަށް ދިން ޓެރަރިސްޓް ހަމަލާ ތަޙްޤީގުކުރުމުގެ މަރުހަލާ ހިނގައި ގޮތް ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އައްޔަން ކުރެއްވި އައްބާސް ފާއިޒް ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤާއި، އެންމެހާ ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ޢައްޔަންކުރެއްވި އައްބާސް ފާއިޒް އިއްޔެގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން މޭ 6 ގެ ޙަމަލާޔާގުޅޭ އެންމެހައި ތަޙުޤީޤެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓްތައްވެސް ތައްޔާރުކުރައްވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އައްބާސް ފާއިޒް ޢައްޔަންކުރައްވާފައި ވަނީ މޭ މަހުގެ 19 ވަނަ ދުވަހުގައެވެ.

އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާޢީ، ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ޚާއްޞަ މާހިރެކެވެ. އަދި، ދެކުނު އޭޝިޔާ ބައްރުގެ ޤައުމުތަކުގެ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޤާބިލް ބޭފުޅެކެވެ. އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި ފާއިތުވި 3 އަހަރު ޤާނޫނީ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ތަޙްޤިގުކުރުމަށްޓަކައި ދިވެހި ފުލުހުންނާއި ބޭރުގެ ފަރާތްތަކާ ގުޅިގެން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ހަމަލާގެ ތަހުޤީޤަށް 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. ރައީސް ނަޝީދު ވަނީ ލިބުނު ޒަޚަމްތަކަށް އެޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދެއްވުމަށްފަހު ޖަރުމަން ވިލާތުންވެސް ފަރުވާ ހޯއްދަވާފައެވެ. އަދި އިތުރު ފަރުވާއަށް މިހާރު ވަނީ އިނގިރޭސިވިލާތަށް ވަޑައިގަންނަވާފައެވެ.