ޚަބަރު

ހުމާމު މެރުމަށް ކުރި ހުކުމް ދައުލަތުން އިސްތިޢުނާފުކޮށްފި


ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވެ، ހ.ލޮބީ ހުސެއިން ހުމާމް މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓްގައި އިސްތިޢުނާފްކޮށްފިއެވެ. ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވެ ހުމާމް މެރުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. ދަށުކޯޓުގެ ނިންމުމަށް ތާއީދުކޮށް މަރުގެ ހުކުމް ދެމެހެއްޓުމަށް ހައިކޯޓުން ހުކުމްކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުއެވެ. ޕޮރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ހުސެއިން ހުމާމް މެރުމަށް ދަށުކޯޓުން ކުރި ހުކުމަށް ތާއިދުކޮށް ހައިކޯޓުން ނިންމި ނިންމުން އިސްތިޢުނާފްކުރުމަށް ހުށައެޅީ ސުޕްރީމް ކޯޓުން ދާދި ފަހުން ނެރުނު ސާރކިއުލަރގެ ދަށުންކަމަށެވެ. ސުޕްރީމް ކޯޓުން މިމަހުގެ 15 ވަނަދުވަހު ނެރުނު ސާރކިއުލަރއެއްގައި ބުނެފައިވަނީ މަރުގެ މައްސަލަތަކުގައި އެހުކުމެއް އައި ފަރާތަކުން 10 ދުވަހުގެ ތެރޭގައި އެމައްސަލަ އިސްތިޢުނާފު ކުރަންޖެހޭނެކަމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި އެމީހަކު އެ މައްސަލަ އިސްތިޢުނާފު ނުކޮށްފިނަމަ ދައުލަތުގެ ފަރާތުން އެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައަޅަންޖެހޭނެކަމަށެވެ. ހ.ލޮބީ ހުސެއިން ހުމާމްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ސާބިތުކުރުމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާއިރު ދާދި ފަހުން ސަރުކާރުން ވަނީ މަރުގެ ހުކުމް ތަންފީޒްކުރުމަށް އެކުލަވާލަންޖެހޭ ޤަވާއިދު އެކުލަވާލާ އާއްމުކޮށްފައެވެ. މިޤަވާއިދު ބުނާ ގޮތުން މަރުގެ ހުކުމް އިއްވާފައިވާ މީހެއްގެ މައްޗަށް އެހުކުމް ތަންފީޒުކުރެވޭނީ ޝަރުޢީ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ.