ޚަބަރު

އިންޒާރުގެ ސަބަބުން އިންޑިއާ ހައިކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަކޮށްފިި


ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި ޗައިނާ އެމްބަސީގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ. ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ އެ ދެ މިޝަނުގެ އެދުމުގެ މަތިންނެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ދޭދޭ ޤައުމުތަކާމެދު އޮންނަ ގުޅުންތަކާ ބެހޭ ހަގީގަތެެއް ނެތް ވާހަކަތަކާއި ރާއްޖޭގައި ހުންނަ ބައެއް ޑިޕްލޮމެޓިކް މިޝަންތަކާއި އެމިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމެޓުންނާ ގުޅޭގޮތުން ދިޔަރެސް ނޫހުން ކޮށްފައިވާ ޓުވީޓުތަކުގެ ސަބަބުން، ރާއްޖޭގައި ހުރި ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރާނެ ކަމަށާއި އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދައުރުވެފައިވާތީ، އެ ދެ އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ދެ މިޝަނުން އެދިފައިވާކަމަށެވެ. އަދި އެ އެދުމުގެ މަތިން، ރާއްޖޭގެ ސަލާމަތީ ބާރުތަކުން މިހާރު އެ ދެ އިމާރާތާ ގުޅޭ ސަލާމަތީ ފިޔަވަޅު އިތުރަށް ވަރުގަދަކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ދޭދޭ ޤައުމުތަކާ އެކު އޮންނަ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ރާއްޖޭގައި ހުންނަ ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ޚަބަރުތައް ފެތުރުމަކީ އެ ޤައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުމަށް ބުރޫއަރައި، އެ ޤައުމުތަކާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދުމަށް މަގުފަހިވާކަމެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެއްކަމަށެވެ. މީގެ އިތުރުން ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތަޞައްވުރު ކިލަނބުވެ، ދިވެހިރާއްޖެއަށް ލިބެން ހުރި ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ފުރުޞަތުތަކަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓުންނާއި ޑިޕްލޮމެޓިކް މިޝަންތަކާއި ޑިޕްލޮމެޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 ގެ ދަށުން ދިވެހި ދައުލަތުގެ ޒިންމާއެކެވެ.

އެހެންކަމުން ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ޤައުމުތަކާމެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށާއި، ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރާ ފަދަ ގޮތްތަކަށް ހަގީގަތާ ޚިލާފު ޚަބަރުތައް ނުފެތުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.