ޚަބަރު

ބަނޑޮހުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާޙުކޮށްފި


ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާނެ ހުނަރުވެރި ޤާބިލު ޒުވާނުން އުފެއްދުމަށް ބަނޑޮސް އައިލެންޑް ރިސޯޓުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. ބަނޑޮސް އައިލެންޑް ރިސޯޓުން ފެށި އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާޙުކޮށްފައިވަނީ ރޭ އެރިސޯޓްގައި ބޭއްވި ހާއްސަ ޑިނަރ ނައިޓެއްގައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މިޕްރޮގްރާމްގެ ބައިވެރިންނަށް ލިޔުން ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ބަނޑޮސް އައިލެންޑް ރިސޯޓްގެ ފަރާތުން ދިވެހި ޒުވާނުންނަށް ހުޅުވާލި މިފުރުސަތަކީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ޒުވާނުންނަށް އޮތް ފަހި ފުރުސަތެއްކަމަށެވެ. އަދި ހުނަރުވެރި ޤާބިލު ޒުވާނުން ބިނާކޮށް މަސައްކަތުގެ މައިދާނަށް ނެރުމަކީ މިސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އެއް އަހަރު ދުވަހުގެ މުއްދަތަށް ބަނޑޮހުން ކުރިއަށްގެންދާ މިޕްރޮގްރާމްގައި މިފަހަރު 23 ކުދިން ބައިވެރިވެއެވެ. އެރިސޯޓުގެ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމެންޓް ހިންގެވުމާއި ހަވާލުވެހުންނެވި ހަސަން ސައީދު ވިދާޅުވީ، މިފަހަރުގެ ޕްރޮގްރާމަށް ކުދިން ހޮވާލާފައިވާނީ ޖުމްލަ 8 އަތޮޅަކުން ކަމަށެވެ. ކުދިން ހޮވުމުގައި އިސްކަން ދީފައިވާނީ ކުއްޖާގެ ތައުލީމީ ފެންވަރަށް ނޫންކަމަށާއި އެންމެ ބޮޑަށް އިސްކަންދެނީ އެކުއްޖެއްގެ ހުންނަ ޝައުޤުވެރިކަމަށް ކަމަށް ހަސަން ވިދާޅުވިއެވެ. މިޕްރޮގްރާމްގައި ބައިވެރިވި ކުދިން ބުނީ މިޕްރޮގްރާމްގައި ބައިވެރިވީ ފަތުވެރިކަމަކީ ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ސިނާޢަތްކަމުގައި ވާތީކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަކީ ކުރިއަށްދާން ފުރުސަތު ހުޅުވިފައިއޮތް އެންމެ ފަސޭހަ ދާއިރާކަން ބައެއް ކުދިން ފާހަގަކުރިއެވެ.މަސައްކަތުގެ މާހައުލުގައި އަމަލީގޮތުން ހަރަކާތްތެރިވާގޮތަށް ކުރިއަށްގެންދާ މިޕްރޮގްރާމަކީ ސްވިޒަލެންޑްގެ އެސް.އެޗް.އެމް.އެލް ހޮޓެލް ސްކޫލާއި، އައި.އެމް އެންޑް އެޗްއާއި ގުޅިގެން ބަނޑޮހުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.