ޚަބަރު

ވިލާތުގެ ވެކްސިން ޕާސްޕޯޓުގައި ކޮވިޝީލްޑް ހިމަނައިފި


އެސްޓުރަޒެނެކާ ކުންފުނީގެ ޚާއްޞަ ޙުއްދައެއްގެ ދަށުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން ތައްޔާރުކުރާ ކޮވިޝީލްޑު ވެކްސިން ޖަހާފައިވާ މީހުންނަށް އެ ޤައުމުތަކަށް ދަތުރުކުރެވޭނެކަމަށް ޖަރުމަނުވިލާތާއި ސްޕެއިނު ހިމެނޭގޮތަށް ނުވަ ޤައުމަކުން ބުނެފައިވާކަމަށް އިންޑިޔާއިން ބުނެފިއެވެ.

ވިލާތުގެ ވެކްސިން ޕާސްޕޯޓުގެ ދަށުން ވިލާތުގެ ޤައުމުތަކުގެ މެދުގައި ހުރަހެއް ނެތި ދަތުރުކުރެވޭނީ ހުޅަނގުގެ ޤައުމުތަކުން އުފައްދާފައިވާ ފަސް ވެކްސިންކަމަށްވާ މޮޑާނާއާއި ފައިޒާއާއި ބަޔޯއެންޓެކާއި ޖޮންސަން އެންޑް ޖޮންސަނާއި އެސްޓުރަޒެނެކާ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ. ވިލާތުގެ ވެކްސިން ޕާސްޕޯޓު ފުރޮގުރާމުގައި ބަލައިގަންނަ ވެކްސިންތަކުގެ ލިސްޓުގައި ކޮވިޝީލްޑު ވެކްސިން ހިމަނާފައި ނެތުމުން ފާއިތުވި ދުވަސްތަކުގައި އިންޑީޔާއާއި ވިލާތުގެ ޤައުމުތަކުގެ މެދުގައިވަނީ ނުތަނަވަސްކަން އުފެދިފައެވެ. ވެކްސިން ޕާސްޕޯޓުގެ ދަށުން ކޮވިޝީލްޑު ބަލައިނުގަންނާތީ އިންޑިޔާއިންވަނީ ވިލާތުގެ ޤައުމުތަކުން އިންޑިޔާއަށް ދަތުރުކުރާ ފަރާތްތަކަށް ދަތިކުރާނެކަމުގެ އިންޒާރުވެސް ދީފައެވެ.

އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ވާހަކަދެއްކި މަސްދަރަކު ބުނީ އޮސްޓުރިޔާއާއި ޖަރުމަނުވިލާތާއި ސްލޮވޭނިޔާއާއި ގުރީސާއި އައިސްލެންޑާއި އަޔަލެންޑާއި ސްޕެއިނާއި ސުވިޒަލެންޑުން ދަތުރުފަތުރާ ގުޅޭކަންކަމުގައި ކޮމިޝީލްޑު ވެކްސިން ބަލައިގަންނާނެކަމަށް އިންޑިޔާގެ ސަރުކާރަށް އަންގައިފައިވާކަމަށެވެ. އަދި އިންޑިޔާގެ ސަރުކާރުން ޙުއްދަ ދީފައިވާ ހުރިހާ ވެކްސިނެއް ބަލައިގަންނާނެކަމަށް އެސްޓޯނިޔާއިން ބުނެފައިވާކަމަށްވެސް އެ މަސްދަރު ފާހަގަކުރިއެވެ. އެހެންކަމުން އިންޑިޔާގެ ބަރަތުބަޔޯޓެކުން އުފައްދާފައިވާ ކޮވެކްސިންވެސް އޭގެ ތެރޭގައި ހިމެނޭނެއެވެ.

އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބުރަމާނިޔަމް ޖައިޝަންކަރުވަނީ ޖީ20ގެ ބައްދަލުވުމުގެ ހަވާސާގައި ވިލާތުގެ އިއްތިޙާދުގެ މަންދޫބުންނާ ބައްދަލުކޮށް ކޮވިޝީލްޑު ވެކްސިނަށް ޙުއްދަ ދިނުމާ ގުޅޭގޮތުން އެ ފަރާތްތަކާ މަޝްވަރާކޮށްފައިވާކަމަށް ވިދާޅުވެފައެވެ. ޚާރިޖީ ވުޒާރާއިން ވާހަކަދެއްކި އެހެން މަސްދަރަކު ބުނީ ވިލާތުގެ އިއްތިޙާދުގެ ޑިޖިޓަލް ސެޓުފިކެޓުގައި ދަތުރުކުރާ ފަރާތްތަކަށް ކަރަންޓީނުވާން ނުޖެހޭނެ އުޞޫލެއް އިންޑިޔާއިން ޤާއިމުކުރާނެކަމަށް ވިލާތުގެ އިއްތިޙާދަށް އަންގާފައިވާކަމަށެވެ. ނަމަވެސް އެގޮތަށް ޢަމަލުކުރެވޭނީ އިންޑިޔާއިން ތައްޔަރުކޮށްފައިވާ ވެކްސިން ޖަހައިގެން ވިލާތަށް ދަތުރުކުރާ މީހުންނަށްވެސް އެ ލުއިތައް ހަމަޖައްސައިދޭނަމަކަމަށް އެ ފަރާތުން ބުނެއެވެ.