ކުޅިވަރު

މުބާރާތުގެ އާ ރިކޯޑެއް ގާއިމް ކުރުމުގެ ފުރުސަތު އިޓާލީއާ ބެލްޖިއަމްއަށް


ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލްގެ ދެވަނަ މެޗްގައި މިރޭ ބެލްޖިއަމް އާއި އިޓާލީވިލާތް ސެމީފައިނަލްގެ ޖާގައަކަށްވާދަ ކުރާއިރު މުބާރާތުގެ އާ ރިކޯޑެއް ގާއިމް ކުރުމުގެ ފުރުސަތުވެސް މިދެޓީމަށް ވަނީ ތަނަވަސްވެފައެވެ. މިގޮތުން މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ޔޫރޯގައި ޖެހިޖެހިގެން އެންމެ ގިނަ މެޗް ކާމިޔާބު ކުރުމުގެ ރިކޯޑް ގާއިމް ކުރެވިގެންދާނެއެވެ. މިދެޓީމްވެސް މިހާރުވަނީ 14 މެޗާއެކު މިރީކޯޑާއި އަރާ ހަމަކޮށްފަވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލުން ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ބެލްޖިއަމް ޖާގަހޯދީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ދެވަނަ ބުރުގައި ބަލިކުރުމަށްފަހުއެވެ، އެމެޗްގައި މާގިނަ ލަނޑު ތަކެއް ފެނިގެންނުދިޔަ ނަމަވެސް ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ވަރަށް ރީތި ލަނޑެކެވެ. އަދި މިމުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗްވެސް ކާމިޔާބުކޮށް އަދި އޭގެތެރެއިން ތިން މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަދީފައި ނުވާތީ ބެލްޖިއަމް މިވަގުތު އޮތް ފޯމާއި ވަރުގަދަކަން ހާމަވެގެންދެއެވެ. އަދި ޓީމުގެ ތެރޭގައި އޮތް އިތުބާރު ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފައެވެ. ނަމަވެސް މިމެޗަށް ނިކުންނައިރު ބެލްޖިއަމް ޓީމަށް ލިބިފައިވާ އެންމެ ބޮޑު ބޮލުގަ ރިހުމަކީ ޓީމްގެ އެންމެ މުހިންމު ދެކުޅުންތެރިންކަމަށްވާ ކެޕްޓަން އެޑިން ހަޒާޑާއި ކެވިން ޑި ބްރުއިނަރ މިމެޗްގައި ކުޅެވޭނެތޯ އުފެދިފައިވާ ސުވާލެވެ. މިދެކުޅުންތެރިންވެސްވަނީ ޕޯޗުގަލް އާއި އެކު ކުޅުނު މެޗްގައި އަނިޔާ ވެގެން ބާލާފައެވެ. އެހެން ކަމުން މިދެކުޅުންތެރިން ތިބީ އެންމެ ފުރިހަމައަށް ފިޓްކޮށް ނޫންކަމަށް ހަބަރުތަށް ލިބެއެވެ. އަދި މިދެކުޅުންތެރިންނާއި ނުލާ ޑެންމާކް އާއި ކުޅެ ފުރަތަމަ ހާފްގައި ކުރިމަތިލާންޖެހުނު އިނދަގޫ ހާފްގެ މަތިން ގިނަ ބަޔަކު ހަނދާން ހުންނާނެކަމަށް ބެލެވެއެވެ. އެހެންކަމުން އިޓަލީ ފަދަ ޓީމަކާއި ދެކޮޅަށް ނިކުންނައިރު މިދެކުޅުންތެރިން ނެތުން ވެގެންދާނީ ޓީމަށް ލިބޭ ވަރަށް ބޮޑު ހީނަރުކަމަކަށެވެ.

މިރޭގެ މެޗްގައި ބެލްޖިއަމް އާއި ވާދަކުރާ އިޓަލީވިލާތަކީ މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގެންފާވާ އެއް ޓީމެވެ. އިޓާލީ މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޖާގަހޯދީ ދެވަނަ ބުރުގައި އޮސްޓްރިއާ އާއި ބައްދަލުކުރިމެޗް ހީކުރިވަރަށް ވުރެ އުނދަގުުލުން ކާމިޔާބުކޮށްގެންނެވެ. މިމެޗް އިޓާލީވިލާތަށް ކާމިޔާބު ކުރެވުނީ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގައި ޖެހި ދެލަނޑާއެކު ދެލަނޑު އެއްލަނޑުންނެވެ. ގްރޫޕް މަރްހަލާގައި ކުޅުނު ތިންމެޗްވެސް ވަރަށް ފަސޭހަ ކަމާއެކު ކާމިޔާބު ކުރި އިޓަލީވިލާތް ކްއާޓަރ ފައިނަލާއި ކުރިމަތިލާއިރު ދެވަނަ ބުރުގައި އުނދަގޫ މެޗެއް ލިބިގެންދިއުމަކީ ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި އެޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު ނަސީބެކެވެ. މިމެޗަށް ނިކުންނައިރު އިޓަލީ ޓީމްގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ ވަނީ އޭނާއަށް ލިބުނު އަނިޔާއިން އެނބުރި އައިސް ފަރިތަ ކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ. އަދި އަލެއްސަންޑްރޯ ފްލޮރެންޒީވެސްވަނީ އަނިޔާއިން އެނބުރި އައިސްފައެވެ. އަދި މިމެޗް ވެގެންދާނީ މިފަހަރުގެ މުބާރާތުގައި ފޭވަރިޓުން ނޫން ގޮތުގައި އިޓަލީވިލާތުން ކުރިމަތިލާ ފުރަތަމަ މެޗަށް ކަމުން މިއީ އެޓީމަށް އޮތް އެޑްވާންޓޭޖެއް ކަމަށް އިޓަލީގެ ނޫސްތަކުން އަންނަނީ ސިފަކުރަމުންނެވެ.

ބެލްޖިއަމްގެ ކޯޗް ރޮބާޓޯ މާޓިނޭޒް ހާމަކުރިގޮތުގައި އިޓާލީއަކީ އެންމެ ފުރަތަމަ ކަށިގަނޑާއެކު ހަމަލާ ދޭން ފަށާނެ ޓީމެއް ކަމަށާއި އެޓީމްގެ ކޮންމެ ދިމާލަކަށް ބަލާލިކަމަށް ވީ ނަމަވެސް ފެންނަނީ އެހާމެ އޮގަނައިޒްޑް ވެފައި ވަރުގަދަ ކޮށް ކަމަށެވެ. ބެލްޖިއަމް އަށް ޕޯޗުގަލް އާއި ބައްދަލުކުރަން ޖެހުނު މެޗް މާޓިނޭޒް ހާމަކުރިގޮތުގައި އައިސްފައިވަނީ ތަންކޮޅެއް ކުރިން ކަމަށާއި އެފަދަ މެޗެއް އަންނަންވާނީ މުބާރާތުގެ ތަންކޮޅޭއް ފަހުގެ ހިސާބެއްގައިކަމަށެވެ. އެއީ އެހާ ވަރުގަދަ އަދި ފިޒިކަލް ގޭމެއް ދެވަނަ ބުރުގައި ކުޅެފައި ކްއާޓަރ ފައިނަލަށް ނިކުންނައިރު ޓީމަށް ވަރުބަލިކަން އިހްސާސް ކުރަންޖެހޭނެތީކަމަށް އޭނާ ހާމަކުރިއެވެ. ނަމަވެސް ޓީމް ރިކަވަރ ވާވަރަށް ރެސްޓް ކުރާނެ ވަގުތު މިފަހަރު ލިބުނު ކަމަށް އޭނާ ހާމަކުރިއެވެ. ޕޯޗުގަލް މެޗްގައި ބެލްޖިއަމް މޮޅުވި ލަނޑު ޖަހާދިން ތޯގަން ހަޒާޑް ހާމަކުރިގޮތުގައި އިޓާލީވިލާތް ވެގެންދާނީ މިމުބާރާތުގައި މިހާތަނަށް ވާދަކުރާ އެންމެ ވަރުގަދަ އަދި އުނދަގޫ ޓީމަށެވެ. އިޓަލީވިލާން މިހާހިސާބަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެކަމުން އެކަން ނިމުމަކަށް ގެންނަށް މިއީ ބެލްޖިއަމްއަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއް ކަމަށްވެސް ތޯގަން ހަޒާޑް ހާމަކުރިއެވެ.

އިޓަލީވިލާތުގެ ކޯޗް ރޮބާޓޯ މަންޗީނީ ހާމަކުރިގޮތުގައި އިޓާލީއިން ބަލާނީ އެޓީމްގެ ކުޅުން މިމެޗްގައި ކުޅެވޭތޯ ކަމަށެވެ. އަދި އިދިކޮޅުން ކުޅޭ ޓީމަށް ފުރިހަމައަށް އިޓަލީވިލާތުން އިހްތިރާމް ކުރާނެކަމަށާއި އަދި އެއީ ކިހާވަރުގަދަ ޓީމެއްކަން ވަރަށް ރަނގަޅަށް އެނގޭކަމުގައިވެސް އޭނާ ހާމަކުރިއެވެ. މިމުބާރާތުގައި ފަސޭހަ އެއްވެސް މެޗެއް ނޯންނާނެ ކަމަށާއި އަދި ބެލްޖިއަމްއަކީ މިވަގުތު ދުނިޔޭގައިވެސް އެންމެ ފާހަގަ ކޮށްލެވޭ އެއްޓީމްކަމަށެވެ. އިޓަލީ ޓީމްގެ ކެޕްޓަން ކިއެލީނީ ހާމަކުރިގޮތުގައި މިފަދަ މެޗްތަކަށް ނިކުންނައިރު އިތުރު ހިތްވަރެއް ބޭނުން ނުވާ ކަމަށާއި މެޗަށް ނިކުންނައިރުވެސް ތިބެނީ އާދަޔާހިލާފު ފޯރިއެއްގައި ކަމަށެވެ. މިމެޗް ވެގެންދާނީ ވަރުގަދަ ދެޓީމްގެ މެދުގައި ކުޅެވޭ ފޯރިގަދަ އަދި ބަލާހިތްވާ މެޗަކަށް ކަމަށާއި މިމެޗްގައި ތަފާތަކަށް ވެގެންދާނީ ދެޓީމުންވެސް ކުރާ ކުދި ކުދި ކަންތައްތައްކަމަށެވެ. އަދި ބެލްޖިއަމް ޓީމްގެ ކުރީގައި ކުޅެމުންދާ ރޮމެލޫ ލުކާކޫއަށް އޭނާގެ ފުރިހަމަ އިހްތިރާމް އެބައޮތް ކަމަށާއި އެއީ އޭނާވަނީ އިޓާލިއަން ލީގުގައި ވަރަށް ކާމިޔާބު ސީޒަނެއް އިންޓަރ މިލާން އާއެކު ނިންމާލާފައިކަމަށެވެ. ނަމަވެސް ލުކާކޫގެ ނަން އެކަނި ފާހަގަ ކުރުން ވެގެން ދާނީ ބެލްޖިމް ޓީމްގައި ހިމެނޭ އެހެން ކުޅުންތެރިންނަށް ކުރެވޭ ބޭއިންސާފަކަށް ކަމަށާއި އެޓީމްގައި ކޮންމެ ދިމާލަކުންވެސް ފެންވަނީ އެހާމެ ވަރުގަދަ ކުޅުންތެރިންކަމަށް ކިއެލީނީ ހާމަކުރިއެވެ.

ކިއެލީނީވެސް ފާހަގަ ކުރިގޮތަށް މިމެޗްގައި އެންމެ ބޮޑު ކުރިމަތިލުންތަކެއް ފެނިގެންދާނީ ރޮމެލޫ ލުކާކޫ އާއި އިޓަލީގެ ޑިފެންސް ލައިނާއި ދެމެދުގައިކަމަށް ބެލެވެއެވެ. ލުކާކޫވަނީ އިޓާލިއަން ލީގުގައި އޭނާގެ ފެންވަރު ވަރަށް ރަނގަޅަށް މިދިޔަ ދެސީޒަންގައި ދައްކުވާދީ ގިނަ ލަނޑު ތަކެއް މިޑެންފަރުންނާއި ކުރިމަތިލާ ކާމިޔާބުކޮށްފައެވެ. އަދި ޖިއާންލުއިޖީ ޑޮނަރޫމާ އާއި ލީގުގައި ދެމިލާންގެ ކުރިމަތި ލުންތަކުގައި ކޮންމެ ފަހަރަކުވެސް ލަނޑު ޖަހާފައެވެ. އެހެންކަމުން އޭނާ ހުއްޓުވުން ވެގެންދާނީ އިޓާލީގެ ޑިފެންސަން އުނދަގޫ ކަމަކަށެވެ.

މިމެޗުން މޮޅުވާޓީމެއް ސެމީ ފައިނަލްގައި ބައްދަލުކުރާނީ ސްވިޓްޒަލަންޑާއި ސްޕެއިން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މިޔުނިކްގެ އެލިއާންޒް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.