ޚަބަރު

ހިޔާ ފްލެޓުގެ ކޮމަރޝަލް ޖާގަތައް ހަވާލުކުރަން ފަށައިފި


ހިޔާ ފްލެޓްތަކުން ކޮމަރޝަލް ބޭނުންތަކަށް ދޫކުރަން ހަމަޖެހިފައިވާ ތަންތަން އެތަނުގެ ވެރިންނާ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓުތަކުގެ ތިރީ ފަންގިފިލާތައް ޚާއްސަ ކޮށްފައިވަނީ ޢާއްމު ޚިދުމަތްތަކަށާއި ވިޔަފާރި އުސޫލުން ދޫކުރާ ތަންތަނަށެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުވާލި ފުރުސަތުގައި ކޮމަރޝަލް ބޭނުންތަކަށް ދޫކުރާ ތަންތަނަށް ކުރިމަތިލީ ފަރާތްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު މިހާރު ޖާގަ ދޫކުރަން ކަނޑައަޅާފައިވާ ފަރާތްތަކަށް އެތަންތަން ޙަވާލުކުރަމުންދާ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަޙްމަދު ވިދާޅުވީ މިދިޔަ ހަފްތާއިން ފެށިގެން ތަންތަން ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މިވަގުތުވެސް އެތަންތަނުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ފުރުސަތު ޖާގަ ލިބޭ ފަރާތްތަކަށް އޮތްކަމަށާއި އެގޮތުން ދޮރުތައް އަރުވާ އެތަނަށް މުދާ ވެއްދުމުގެ ފުރުސަތު އެފަރާތްތަކަށް އޮތްކަމަށް ސުހެއިލް ވިދާޅުވިއެވެ.

"14ވަނަ ދުވަހު ހިޔާ ފްލެޓުގެ ތަޅުދަނޑި ހަވާލުކުރިނަމަވެސް އަދި އެހާހިސާބުން ކޮމާޝަލް ހުރިހާ ޚިދުމަތެއް ނުހުރެދާނެ. އެހެންނަމަވެސް މިތަނުގައި ހާޑްވެއަރ، ކެފޭ ފަދަ ތަންތަން ހަމަޖެއްސުމަށްވެސް ދަނީ މަސައްކަތްކުރަމުން. ކޮމާޝަލް ސްޕޭސްއަށް މިހާރުވެސް މުދާވެއްދޭނެ އެތަނުގެ ވެރިންނަށް."ސުހެއިލް އަޙްމަދު ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގެ ވެރިންނަށް ތަޅުދަނޑި މިމަހުގެ 14 ވަނަ ދުވަހު ހަވާލުކޮށް އެއްބަސްވުން ޤާއިމުކުރުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. މީހުން އާބާދުވާންފަށާއިރު އެތަނުގައި ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ދިނުމަށް ވާންޖެހޭ ތައްޔާރީތައްވެސް އެޗްޑީސީން އަންނަނީ ވަމުންނެވެ. އެގޮތުން ޢާއްމު ޚިދުމަތްތައް ދިނުމަށް ކްލިނިކެއް ހެދުމަށާއި ބޭސް ފިހާރަ ހެދުމަށްވަނީ ޖާގަ ދޫކޮށްފައެވެ. އަދި ސުޕަމާކެޓާއި ކާބޯތަކެތީގެ ވިޔަފާރިކުރުމަށްވެސް ޖާގަވަނީ ދޫކޮށްފައެވެ.

ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓު ސަރަޙައްދުގައި މިސްކިތް އެޅުމާއި ސްކޫލް އެޅުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިސްކިތުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވީ ނަމަވެސް ސްކޫލްގެ މަސައްކަތް މީހުން އާބާދުވާއިރު ނުނިމޭނެތީ އެޗްޑީސީން އަންނަނީ ފްލެޓުތަކުގައި ދިރިއުޅޭ ސްކޫލް ދަރިވަރުންނަށް ބަހުގައި ސްކޫލަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.

7000 ހައުސިންގ ޔުނިޓުގެ ގޮތުގައި ހިޔާ މަޝްރޫޢުގެ މަސައްކަތް ފެށިނަމަވެސް ކޮމާޝަލް ބޭނުންތަކަށް ޓަވަރުތަކުން ފްލޯސްޕޭސް ކަނޑައެޅުމަށްފަހު ޔުނިޓްތަކުގެ ޢަދަދު ފަހުން ވަނީ 6720 ބަދަލުކޮށްފައެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާއާއެކު ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 8500 ރުފިޔާ ކަމަށް ސަރުކާރުންވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ގުރުއަތުނެގުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، ފްލެޓްތަކުގެ ވެރިފަރާތާއެކު އެގްރީމެންޓްތަކުގައި ސޮއިކުރުން އަންނަމަހު 14 ގައި ފެށުމަށް އެޗް.ޑީ.ސީން ވަނީ ނިންމާފައެވެ.