ޚަބަރު

ކައުންސިލްތަކުގެ އެސްޖީގެ މަޤާމަށް 500 ވުރެ ގިނަ މީހުން


ލޯކަލް ކައުންސިލްތަކަށް ސެކެރެޓަރީ ޖެނަރަލުން ހޯދަން އިއުލާންކުރުމުން އެ މަޤާމުތަކަށް 500 ވުރެ ގިނަ މީހުން ކުރިމަތިލައިފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުން ކައުންސިލްތަކަށް ހޯދަން އިއުލާންކޮށްފައިވަނީ 200 ސެކެރެޓަރީ ޖެނެރަލުންނެވެ.

ލޯކަލް ކައުންސިލުތައް އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ އެސްޖީގެ މަޤާމަށް މީހުން ހޯދަން ޖޫން މަހުގެ 20 ވަނަދުވަހު ކުރި އިއުލާންގެ މުއްދަތު ހަމަވީ މިިދިޔަ ހޯމަދުވަހުއެވެ. ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލުތައް ހިމެނޭހެން ޖުމްލަ 200 ކައުންސިލްގެ އިދާރާއަށް ސެކްރެޓަރީ ޖެނެރަލުން ނެގުމަށް ވަނީ ނިންމާފައެވެ. މީގެތެރޭގަ ހިމެނެނީ ރާއްޖޭގެ 178 ރަށުގެ ރަށު ކައުންސިލާއި 18 އަތޮޅު ކައުންސިލެއްގެ އިތުރުން 4 ސިޓީ ކައުންސިލަށް ނަގާ ސެކްރެޓަރީ ޖެނެރަލުންނެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު 511 މީހަކު ކުރިމަތިލާފައިވާކަމަށެވެ. އެއީ 178 ރަށު ކައުންސިލަށް 371 މީހަކާއި 18 އަތޮޅު ކައުންސިލްގެ އެސްޖީކަމަށް 86 މީހަކާއި 4 ސިޓީ ކައުންސިލްގެ އެސްޖީކަމަށް ކުރިމަތިލި 54 މީހެކެވެ.

ރަށު ކައުންސިލްގެ ސެކެރެޓަރީ ޖެނަރަލްގެ މުސާރައިގެ ގޮތުގައި މަހަކު 9،300 ރުފިޔާއާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 8،870 ރުފިޔާ ލިބޭނެއެވެ. އަތޮޅު ކައުންސިލްގެ އެސްޖީގެ މުސާރައަކީ 12،130 ރުފިޔާއެވެ. މީގެއިތުރުން އަތޮޅު ކައުންސިލްގެ އެސްޖީއަކަށްވެސް އެގްޒެކްޓިވް އެލަވަންސުގެ ގޮތުގައި 8،870 ރުފިޔާ ލިބޭނެއެވެ.

ސިޓީ ކައުންސިލްގެ ސެކެރެޓަރީ ޖެނަރަލަކަށް މަހެއްގެ މައްޗަށް 35،500 ރުފިޔާ ލިބޭނެއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 20،500 ރުފިޔާއާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭ 15،000 ރުފިޔާއެވެ.

ކައުންސިލްތަކުގެ އެސްޖީއަށް ކުރިމަތިލީ މީހުން ހޮވުމުގައި އިންޓަވިއުކުރުމަށްފަހު 20 އިންސައްތައަށް ވުރެން މަތިން މާކްސް ލިބޭ މީހުންގެ ތެރެއިން މެރިޓް އުސޫލުން އެންމެ ޤާބިލު މީހަކު ކަނޑައަޅާނެއެވެ. އަދި އެމީހަކާއި ގުޅޭ ގޮތުން އެ ކައުންސިލެއްގެ ލަފާ ހޯދާ އެ މީހަކު މަޤާމަށް އައްޔަންކުރާނީ ކައުންސިލްގެ ލަފަޔާއެކުއެވެ. މި މަޤާމަށް އައްޔަންކުރާ މީހެއްގެ މަޤާމުގެ މުއްދަތަކީ 5 އަހަރެވެ.