ވިޔަފާރި

ވިޒިޓް މޯލްޑިވްސްއިން "އައިއޭމް ވެކްސިނޭޓެޑް" މައިކްރޯ ސައިޓް އިފްތިތާޙުކޮށްފި


ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވެކްސިނޭޝަނާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް އެމްއެމްޕީއާރްސީން 'އައި އޭމް ވެކްސިނޭޓެޑް' ނަމުގައި މައިކްރޯ ވެބްސައިޓެއް އިފްތިތާޙުކޮށްފިއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ މި މައިކްރޯސައިޓް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެކްސިން ޖެހުމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދީ، އަދި ވެކްސިން ޖެހުމަށް ރެޖިސްޓްރީވުމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ލިބޭނެކަމަށެވެ. މީގެ އިތުރުން މި ސައިޓުން އެޗްޕީއޭގެ އެންމެ ފަހުގެ ގައިޑްލައިން އަދި ޕްރޮމޯޝަނަލް ވީޑިއޯތައް ފެންނާނެއެވެ.

އެމްއެމްޕީއާރުސީން ވަނީ ޓުއަރިސްޓް ފެސިލިޓީތަކުން ވެކްސިން ކެމްޕެއިނާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ފޮޓޯ ތަކާއި ވީޑިއޯތަކާއި މަޢުލޫމާތު މި ސައިޓުގައި ހިއްސާ ކުރުމަށް ހުޅުވާލާފައެވެ.

އައި އޭމް ވެކްސިނޭޓެޑް ނުވަތަ އަހަރެން ވެކްސިން ޖަހައިފިން ކެމްޕެއިނަކީ ދިވެހިރާއްޖޭގައި ކުރިއަށްދާ ވެކްސިނޭޝަން ޕްރޮގްރާމް ދަށުން ޓުއަރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ ގުޅިގެން ފަށާފައިވާ ޕްރޮގްރާމެކެވެ. މިއީ ދުނިޔޭގެ ފުރަތަމަ ސައްތައިން ސައްތަ ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާޢަތަށް ރާއްޖޭގެ ސިނާޢަތް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފަށާފައިވާ ޕްރޮގްރާމެކެވެ. އެމްއެމްޕީއާރްސީން ވިދާޅުވާ ގޮތުގައި މި ކެމްޕެއިންގެ ސަބަބުން ފަތުރުވެރިން ރާއްޖެ އައުމަށް ހިއްވަރު ލިބޭނެއެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ އަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއް ގޮތުގައި މަޝްހޫރުވެ، ރާޢްޖޭގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަތުރުވެރިންނަށް ފެނިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 96 އިންސައްތަ އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި މިދާއިރާގެ 70 އިންސައްތައަށް ވުރެ ގިނަ މީހުން ވެކްސިންގެ 2 ވަނަ ޑޯޒް ވަނީ ފުރިހަމަކޮށްފައެވެ.