ޚަބަރު

ރާއްޖެ ކައިރިން ކަނޑުގެ އަޑިއަށް 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް، ނުރައްކަލެއް ނެތް


ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ދެކުނުން ކަނޑުގެ އަޑިއަށް 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ވިދާޅުވީ މިބިންހެލުން އައިސްފައިވަނީ މާލެއާ 900އެއްހައި ކިލޯމީޓަރު ދުރަށް ކަމަށެވެ. އަދި މިބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން މިރޭ 08:06 އެހައިކަންހާއިރު ކަމަށްވެސް މެޓު އޮފީހުން ވިދާޅުވެއެވެ.

ރާއްޖެއާ ކައިރިން އައި ބިންހެލުމަކަށް މި ބިންހެލުން ވީނަމަވެސް މީގެ އަސަރެއް ރާއްޖެއަށް ކުރުމުގެ ފުރުސަތެއް ނެތްކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި މީގެސަބަބުން ސުނާމީއެއް އުފެދުމުގެ ފުރުސަތެއް އޮތްކަމުގެ މަޢުލޫމާތެއްވެސް ސުނާމީގެ އިންޒާރުދޭ އެއްވެސް ސެންޓަރަކުން ދީފައި ނުވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ކަނޑުއަޑިއަށް އަންނަ ބާރުގަދަ ބިންހެލުން އަންނަނީ ކަނޑުގެ އަޑީގައިވާ ފަރުބަދަތަކަށް އަންނަ ކުއްލި ލޮޅުމަކާ އެކުގައެވެ. ސުނާމީއަކީ މީގެ ސަބަބުން އުފެދޭ ރާޅުބާނީއެވެ. ބިންހެލުމާއެކު އުފެދޭ ރާޅުތައް ދަތުރުކުރާ ބާރުމިނާއި އޭގެ އުސްމިން ބޮޑުވެ އެއްގަމަށް އޮންނަ ނުރައްކާ ބޮޑުވެއެވެ. މިބިންހެލުން އެފަދަ އެއްވެސް ނުރައްކަލެއް ނެތްކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.