ޚަބަރު

ޠާލިބާނުންނާ ދެކޮޅަށް އަފްޣާނިސްތާނުގެ ޢާންމުން ހަތިޔާރު ނަގައިފި


އެމެރިކާއާއި ބޭރުގެ އަސްކަރީ ފައުޖުތައް އަފްޣާނިސްތާނުން ފައިބަމުންދާ ދަނޑިވަޅެއްގައި އަމިއްލަ ރައްކާތެރިކަން ކަށަވަރުކުރަންކަމަށް ބުނެ އެ ޤައުމުގެ ގިނަ ޢަދަދެއްގެ ޢާންމުން ހަތިޔާރު ނަގަން ފަށައިފިއެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިން އެ ޤައުމުން ބާލާނެކަމަށް ވިދާޅުވެފައެވެ. އެ މަސައްކަތުގެ ދަށުން ގިނަ ޢަދަދެއްގެ އެމެރިކާގެ ސިފައިން މިހާރުވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އެމެރިކާގެ ސިފައިންގެ އިތުރުން ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއަށް ނިޞްބަތްވާ ފައުޖުތައްވެސް އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތްވަނީ ފަށައިފައެވެ.

އެމެރިކާއާއި ނޭޓޯގެ ސިފައިން އަފްޣާނިސްތާނުން ފޭބުމުން އެ ޤައުމުގައި ޙަރަކާތްތެރިވާ ޠާލިބާން ޖަމާޢަތުގެ ނުފޫޒު އެތައް ގުނައެއް އިތުރުވާނެކަމަށް ބެލެވެއެވެ. އެ ގޮތުން ޠާލިބާނުން ދެމުންދާ ޙަމަލާތައް ވަރުގަދަވެ އަފްޣާނިސްތާނުގެ ގިނަ ސަރަޙައްދުތަކެއްވަނީ އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ.

އަފްޣާނިސްތާނުގައި އުފެދިފައިވާ ނުރައްކާތެރި ޙާލަތާ ކުރިމަތިލުމަށް އެ ޤައުމުގެ ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކުވަނީ ހަތިޔާރު ނަގައިފައެވެ. ޢާންމުންނާ ދެކޮޅަށް ޠާލިބާނުން ޙަމަލާދޭނަމަ ނުވަތަ އަނިޔާވެރިވެ އަންހެނުންނާއި މުދަލަށް އަރައިގަންނަނަމަ އެ ޖަމާޢަތާ ދެކޮޅަށް ނުކުންނާނެކަމަށް ގިނަ ޢަދަދެއްގެ ޢާންމުން ބުނެއެވެ. އަދި ޤައުމު ރައްކާތެރި ކުރަންޖެހޭކަމަށާއި ބޭރުގެ ފައުޖުތައް ފޭބުމުން އެ މަސައްކަތް ދެން ކުރަންޖެހޭނީ އަމިއްލައަށްކަމަށް އެ މީހުން ބުނެއެވެ.

ޠާލިބާނުންނާ ދެކޮޅަށް ޢާންމުން ހަތިޔާރު ނަގައި ބޮޑު ކުރިމަތިލުމަކަށް ގޮސްފިނަމަ އަފްޣާނިސްތާނުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަންވަނީ ބޮޑުވެފައެވެ.