ކުޅިވަރު

އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތް ކުޅުދުއްފުށީ ސިޓީގައި ފަށައިފި


ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ބާއްވާ އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތް 11 ޓީމާއެކު ފަށައިފިއެވެ. މިމުބާރާތް ކުރިން ފަށަން ނިންމީ މިދިޔަމަހުގެ 11 ވަނަ ދުވަހުކަމަށާއި ނަމަވެސް މުބާރާތް ފަސްކުރީ ކުޅުދުއްފުށި މޮނިޓަރިން އަށް ލުމާގުޅިގެންކަމަށް ޑަބްލިއު ސްޕޯރޓްސްއިން މައުލޫމާތުދެއްވައެވެ.

މިމުބާރާތުގެ ފުރަތަމަ ކުޅުނު ފިރިހެން ޑިވިޜަންގެ މެޗްގައި ބައްދަލްކުރީ ކުޅުދުއްފުށި ހޮސްޕިޓަލާއި އަދި ކަސްޓަމްގެ ޓީމެވެ. މިމެޗް 15 ލަނޑު 8 ލަނޑުން ކާމިޔާބުކުރީ ކަސްޓަމް ޓީމެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ކަސްޓަމް ޓީމްގެ ޖާރޒީ ނަންބަރ 15 އަހުމަދު އައުޝަންއެވެ. މުބާރާތުގައި އަންހެން ޑިވިޒަންގެ ދެމެޗުވެސް ކުޅެއެވެ. އަންހެން ފުރަތަމަ މެޗްގައި ކުޅުދުއްފުށި ހޮސްޕިޓަލާއި އަފީފުއްދީން ސްކޫލް ބައްދަލްކޮށް 16 ލަނޑު 5 ލަނޑުން މެޗް ކާމިޔާބުކުރީ އަފީފުއްދީން ސްކޫލްގެ ޓީމެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަފީފުއްދީން ޓީމްގެ ފާތުމަތު މުހައްމަދެވެ. ދެވަނައަށް ކުޅުނު މެޗްގައި ޓީމް ފައިވް އަދި ނިކަ ބައްދަލްކުރި މެޗް 7 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ފައިވްއެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ފައިވްގެ އިކުރާމާ އަބްދުއްސަލާމްއެވެ.

މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 1 ން 7 ގެ ނިޔަލަށެވެ. މުބާރާތުގެ މެއިން ސްޕޮންސަރުންނަކީ މަންނަމްއެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހައިލައިގެންނެވެ. އެއީ ފިރިހެނުންގެ ބަޔާއި އަންހެނުންގެ ބަޔެވެ. މިމުބާރާތުގައި މިފަހަރު ބައިވެރިވެފައިވަނީ ފިރިހެން ހަތަރު ޓީމެވެ. އެއީ ކުލަބް ކޭއާރްއެޗާއި ދިރާގާއި ކަސްޓަމްސް އަދި ޕޮލިހެވެ. އަދި އަންހެން 7 ޓީމެއް މިފަހަރުގެ މުބާރާތުގައި ވާދަކުރެއެވެ. އެއީ ޕުރޯ މިކްސްއާއި ސިލްވަރ ސޭންޑާއި ކުލަބް ކޭއާރްއެޗާއި އަފީފުއްދީނުގެ އިތުރުން ކުލަބް ނިކައާއި ސްޓާ އަދި ފައިވްއެވެ.

މުބާރާތުގައި ތިން ގުރޫޕެއް ހިމެނޭއިރު ފިރިހެން އޮތީ އެންމެ ގުރޫޕެކެވެ. މިގުރޫޕްގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ ގުރޫޕްގެ އެއްވަނައަށްދާ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާނެއެވެ. ދެވަނައާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލްގެ މެޗެއް ކުޅެވޭނެއެވެ. މިމެޗުން މޮޅުވާ ބަޔަކު ފައިނަލަށް ދަތުރުކުރާނެއެވެ.

އަންހެން ޓީމުތައްވަނީ ދެ ގުރޫޕަކަށް ބަހާލާފައެވެ. އެއީ ގުރޫޕް އެކްސްއާއި ގުރޫޕް ވައިއެވެ. ގުރޫޕް އެކްސްގައި ހިމެނޭ ޓީމުތަކަކީ ޕްރޯ މިކްސްއާއި ސިލްވަރ ސޭންޑްގެ އިތުރުން އަފީފުއްދީނާއި ކުލަބް ކޭއާރްއެޗެވެ. ގުރޫޕް ވައިގައި ހިމެނޭ ޓީމުތަކަކީ ނިކައާއި ސްޓާ އަދި ފައިވް އެވެ. އަންހެނުން ބައިގައި ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލުގައި ގުރޫޕް އެކްސްގެ އެއްވަނަ ޓީމު ބައްދަލުކުރާނީ ގުރޫޕް ވައިގެ ދެވަނަ ޓީމާއެވެ. ގުރޫޕް ވައިގެ އެއްވަނަ ޓީމު ބައްދަލުކުރާނީ ގުރޫޕް އެކްސްގެ ދެވަނަ ޓީމާއެވެ. އަދި މިތަނުން މޮޅުވާ ދެޓީމު ފައިނަލަށް ދަތުރުކުރާނެއެވެ.

ޑަބްލިއު ސްޕޯރޓްސް އިން މައުލޫމާތު ދެއްވިގޮތުގައި މިމުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ.