ވިޔަފާރި

ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ފޮރިން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް


ރާއްޖޭގެ ފަތުރުވެރިކަމާއި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ޕްރޮމޯޓްކުރުމަށް ފޮރިން މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިންގާ ޑިޕްލޮމެޓިކް މިޝަންތަކުން 3 ވެބިނަރއެއް ބާއްވައިފިއެވެ.

އެގޮތުން ބޭއްވި ފުރަތަމަ ވެބިނަރ ބާއްވާފައިވަނީ ޖޫން 16 ވަނަ ދުވަހުއެވެ. މި ވެބިނަރއަކީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އިންތިޒާމްކޮށްގެން، "އިންވެސްޓްމަންޓް އިން މޯލްޑިވްސް" ގެ ނަމުގައި ބޭއްވި ވެބިނަރއެކެވެ.
މި ވެބިނަރ ބާއްވާފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ގުޅިގެންނެވެ. އީޔޫގެ ޤައުމުތަކަށް ނިސްބަތްވާ އިޤްތިޞާދީ ދާއިރާގެ 90 އަށްވުރެ ގިނަ ފަރާތުން ބައިވެރިވި މި ވެބިނަރގައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ ގޮތުންނާއި ކޯވިޑްގެ ސަބަބުން އިޤްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ މައުލޫމާތު އެފަރާތްތަކާއި ވަނީ ހިއްސާކޮށްފައެވެ.

އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް ޚާއްސަކޮށް ޔޫރަޕްގެ ގައުމުތަކަށް އަމާޒުކޮށްގެން ބޭއްވި ވެބިނަރއަށްފަހު ޚާރިޖިއްޔާއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް، ކޯވިޑްގެ ހާލަތަށްފަހު ފަތުރުވެރިކަން ކުރިން އޮތް ހާލަތަށް ރުޖޫއަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމާ ބެހޭ 2 ވެބިނަރއެއް ބާއްވާފައެވެ.

މީގެ ތެރެއިން ފުރަތަމަ ވެބިނަރ ބޭއްވީ 22 ޖޫންގައި، ޖަޕާނުގެ ޓޯކިޔޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އިންތިޒާމްކޮށްގެންނެވެ. ރާއްޖޭގެ ޓޫރިޒަމް އަލުން ފުޅާކޮށް ހުޅުވާލާ، ޓޫރިޒަމް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ފޯރުކޮށްދިން މި ވެބިނަރގައި ޖަޕާނުގެ ބޮޑެތި ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ ތެރެއިން 23 ފަރާތަކުން ބައިވެރިވިއެވެ. ރާއްޖެއަށް އަންނަ ޖަޕާނު ފަތުރުވެރިންގެ 80 އިންސައްތަ ފަތުރުވެރިން ގެންނަނީ މި އޮޕަރޭޓަރުންނެވެ.

ފަތުރުވެރިކަމާ ގުޅޭ ދެވަނަ ވެބިނަރ ބާއްވާފައިވަނީ ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ނޭޝަނަލް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް ސިންގަޕޯރ (ނާޓާސް) ގުޅިގެން، ޖޫން 30 ގައެވެ. ސިންގަޕޫރުގެ ބޯޑަރު ހުޅުވާލުމަށް އެގައުމުން ތައްޔާރުވަމުން އަންނައިރު، ރާއްޖެއިން ސިންގަޕޫރު ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ވެފައިވާ ތައްޔާރީތަކުގެ މައުލޫމާތު ޓްރެވަލް އެޖެންޓުންނަށް މި ވެބިނަރގައި ވަނީ ހިއްސާކޮށްފައެވެ. މި ވެބިނަރގައިވެސް ޓޫރިޒަމް މިނިސްޓްރީ އާއި އެމް.އެމް.ޕީ.އާރް.ސީން ބައިވެރިވިއެވެ. ފަތުރުވެރިކަމާ ބެހޭ މި ވެބިނަރތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޖަމްއިއްޔާތަކުން ބައިވެރިވެ، މުހިއްމު މައުލޫމާތުތަކެއް ހިއްސާކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

ފޮރިން މިނިސްޓްރީން ދަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތާއި، ރާއްޖޭގެ ފަތުރުވެރިކަން ބޭރުގެ ޤައުމުތަކުގައި ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވެބިނަރތައް ކުރިއަށް އޮތްތަނުގައިވެސް ބާއްވާނެކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.