ވިޔަފާރި

ތައިލޭންޑުގެ ފަތުރުވެރިކަމުގެ ސިނާޢަތުން ގިނަ ޢަދަދެއްގެ ވަޒީފާގެ ގެއްލުން


ތައިލެންޑްގެ ފަތުރުވެރިކަމުގެ ޞިނާޢަތުން 550،000 ވަޒީފާ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ގެއްލިފައިވާ ކަމަށް އެޤައުމުން ހާމަކޮށްފިއެވެ. ފަތުރުވެރި ކަމަށް ބަރޯސާވެފައި އޮންނަ ތައިލޭންޑުގައި ވަޒީފާތައް ގެއްލިގެންދިޔައީ ކޯވިޑްގެ ބަލިމަޑުކަމުގެ ތިންވަނަ ރާޅަކާއި ކުރިމަތިލާން ޖެހުމުގެ ސަބަބުންނެވެ.

މިހާތަނަށް ތައިލޭންޑަށް ކުރިމަތިވި ވައިރަހުގެ އެންމެ ނުރައްކާތެރި ރާޅު އައިސްފައިވަނީ އޭޕްރީލް މަހުއެވެ. ދަތުރުފަތުރުތައް ހުއްޓުމާއެކު ފަތުރުވެރިން ޒިޔާރަތްކުރުން ހުއްޓި އެތެރޭގެ ޚަރަދު ކުރާ މިންވަރުވެސް ވަނީ ދަށަށް ގޮސްފައެވެ. މީގެ އިތުރުން މި ރާޅާއެކު ފަތުރުރުވެރިކަމުގެ 36 އިންސައްތަ ވިޔަފާރިތައް ވަގުތީ ގޮތުން ބަންދުކުރަންޖެހި 4 އިންސައްތައިގެ ވިޔަފާރިތައް ދާއިމީކޮށް ބަންދުކުރަން ޖެހިފައިވާ ކަމަށް ޓުއަރިޒަމް ކައުންސިލް އޮފް ތައިލޭންޑުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ކޯވިޑްގެ މި ބަލިމަޑުކަން ފެތުރުމާއެކު ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ 2 މިލިއަނަށްވުރެ ގިނަ މީހުންގެ ވަޒީފާވަނީ ގެއްލިފައެވެ. މީގެ ތެރޭގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަޒީފާ ގެއްލުނު 400،000 މީހުންވެސް ހިމެނެއެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް ތައިލެންޑްގެ ރިޒޯޓް ރަށެއްކަމަށްވާ ޕުކެޓަށް ޒިޔާރަތްކުރުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް އެޤައުމުން ބުނެއެވެ. އަދި މިއީ ފަތުރުވެރިން މިއަހަރު ގެނައުމަށް ހިންގާ ޕައިލެޓް ޕްރޮޖެކްޓެއްކަމަށްވެސް ތައިލެންޑުން ބުނެއެވެ. މިއަހަރު އެޤައުމަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ ފަތުރުވެރިންގެ ޢަދަދަކީ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ ޒިޔާރަތްކޮށްފައިވާ 40 މިލިއަނާއި އަޅާބަލާއިރު ވަރަށް މަދު މިންވަރެއްކަމަށްވެސް ޓުއަރިޒަމް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކޯވިޑްގެ މި ރާޅުގެ ސަބަބުން ގެއްލުން ލިބުނު ކުދި ވިޔަފާރިތަކަށާއި ގޭބީސީތަކަށް އެހީތެރިވުމުގެ ގޮތުން ތައިލޭންޑުގެ ކެބިނެޓުންވަނީ އެޤައުމުގެ ދަރަނި އަދާކުރުންވެސް މަޑުޖައްސާލާފައެވެ.