ޚަބަރު

ހޯރަފުށީ އެއަރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި


ހއ. ހޯރަފުށި އެއަރޕޯޓްގެ ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިމަޝްރޫޢު ހަވާލުކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤްއެވެ.

މިމަޝްރޫޢުގެ ދަށުން، ހއ.ހޯރަފުށީގެ އެއަރޕޯރޓް ރަންވޭގެ ދެފަރާތުގައި 2،861 މީޓަރުގެ އެއްގަމުތޮށްޓެއް ލުމާއި ކޯޒްވޭގެ
ދެފަރާތުން އޮއިދެމޭ ނިޒާމެއް ޤާއިމް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތަށް 90.5 މިލިޔަން ރުފިޔާ ޚަރަދުވާއިރު 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.

ހޯރަފުށި އެއަރޕޯޓްގެ ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މެއި މަހު ކުރި ވިއްސާރައިގައި އެރަށަށް އުދަ އަރާ އެއަރޕޯޓަށް ގެއްލުންތަކެއް ލިބިފައި ވަނިކޮށެވެ.

ގަދަ ވަޔާއިއެކު ޓަރމިނަލްގެ ވެއިޓިން އޭރިއާގެ ދޮރުތައް ވެއްޓި އިމާރާތައްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އުދައެރުމުގެ ސަބަބުން ރާޅާއެކު ރަންވޭގެ ބޮޑުބަޔަކަށް ވަނީ ވެލި އަރާފައެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނީ ހޯރަފުއްޓަށާއި އެއަރޕޯޓާ ގުޅޭ ހައިވޭއަށެވެ. އެގޮތުން ހިއްކައިގެން ހަދާފައިވާ ހައިވޭގެ ފަސްގަނޑު ދަމައިގަނެ، މަގުގެ އަރިމަތީގައި ޖަހާފައިވާ ލައިޓްތައްވެސްވަނީ ވެއްޓިފައެވެ.

ހޯރަފުށީ އެއަރޕޯޓަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ، ހިއްކި ބިމުގެ ބައެއް ސަރަޙައްދު ޙިމާޔަތްކުރުމަށް ތޮށިލާފައި ނެތުމުންނެވެ. ހޯރަފުއްޓަށް ވިއްސާރަކޮށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނީ މި މަސައްކަތް ކުރުމަށް ހަވާލުކޮށް އެ މަސައްކަތް ނުފެށި ވަނިކޮށްކަމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ހޯރަފުށީ އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ އެރަށު ފަޅުން 16 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި އެއަރޕޯޓް، ރަށާ ގުޅާލީ ކޯޒްވޭއަކުންނެވެ. އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްފައިވާ އެއެއަރޕޯޓްގެ ރަންވޭއަކީ 1200މީޓަރު ދިގު 35މީޓަރު ފުޅާ ރަންވޭއެވެ. އެއަރޕޯޓްގެ ހުރިހާ މަސައްކަތެއް ނިންމާ އެމްޓީސީސީން އެއަރޕޯޓް ސަރުކާރާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 6ވަނަ ދުވަހުއެވެ. އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށީ ނޮވެމްބަރު 26ގައެވެ.