ޚަބަރު

ޓިގުރައިގެ ވެރިރަށް އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް


އިތިޔޯޕިޔާގެ އުތުރުގައި އޮންނަ ސްޓޭޓެއްކަމަށްވާ ޓިގުރައިގެ ވެރިކަންކުރާ މެކެލޭ ސިޓީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ޓިގްރައި ޕީޕަލްސް ލިބަރޭޝަން ފުރަންޓު، ޓީޕީއެލްއެފުގެ ބާރުގެ ދަށުގައި އޮތް މުހިންމު ސަރަޙައްދުތައްވަނީ އިތިޔޯޕިޔާގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެ ގޮތުން މެކެލޭވެސްވަނީ ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެއާއެކު އިތިޔޯޕިޔާގެ ފައުޖުތަކާއި ޓީޕީއެލްއެފާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއްވަނީ ހިނގައިފައެވެ.

ފާއިތުވި ދުވަސްތަކުގައި ޓީޕީއެލްއެފުންވަނީ އިތިޔޯޕިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ވަރުގަދަ ޙަމަލާތައް ދީފައެވެ. އެ ޙަމަލާތަކުގައި މެކެލޭވަނީ ޓީޕީއެލްއެފުގެ ފުރިހަމަ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެއާއެކު އަށް މަސް ދުވަހަށްފަހު ހަނގުރާމައިގެ މައިދާނަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ސަރުކާރުގެ ފައުޖުތައް އެ ސަރަޙައްދުން ފަހަތައް ޖެއްދުމުން ސަރުކާރުންވަނީ ޙަމަލާބަދަލުކުރުން ހުއްޓައިލުމަށް ހުށަހަޅައިފައެވެ. ނަމަވެސް ޓީޕީއެލްއެފުން ބުނީ ޓިގުރައި ސަރަޙައްދުން އިތިޔޯޕިޔާގެ އަސްކަރިއްޔާ ފޭބުމުން ނޫނީ ޙަމަލާ ބަދަލުކުރުން ހުއްޓައިނުލާނެކަމަށެވެ. އަދި މެކެލޭ އޮތީ ޓީޕީއެލްއެފުގެ ފުރިހަމަ ބާރުގެ ދަށުގައިކަމަށާއި އެ ސަރަޙައްދާ 140 ކިލޯމީޓަރު ދުރުގައި އޮންނަ ޝަޔާގައި ޙަރަކާތްތެރިވާ އިތިޔޯޕިޔާގެ ފައުޖުތައްވެސް ފަހަތަށް ޖައްސާފައިވާކަމަށް އެ ޖަމާޢަތުން ބުނެއެވެ.

ފާއިތުވި އަށް މަސް ދުވަހު ސަރުކާރާއި ޓީޕީއެލްއެފުން ބަދަލުކޮށްފައިވާ ޙަމަލާތަކުގައި އެތައް ހާސް މީހުންވަނީ މަރުވެފައެވެ. އަދި 2 މިލިޔަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި 350،000 މީހުންވަނީ ހައިހޫނުކަމާއި ކުރިމަތިލާންޖެހިފައެވެ.